އެންމެ މުސާރަ ބޮޑު ކޯޗުގެ ގޮތުގައި ބާސެލޯނާގެ ޕެޕް ގާޑިއޯލާ 10 މިލިއަން ޕައުންޑް ދީގެން ވެސް ގެންދިއުމަށް ޗެލްސީން ތައްޔާރުވެއްޖެ އެވެ.

ކުލަބުގެ މުއްސަދި މަހުޖަނު ރަޝިޔާގެ ރޯމަން އަބްރޮމޮވިޗް ދޭން މި ބުނާ އަދަދަކީ މިހާރު ބާސެލޯނާއިން ގާޑިއޯލާ އަށް ދެމުން އަންނަ މުސާރައަށްވުރެ ދެ މިލިއަން ގިނަ އަދަދެކެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ބާސެލޯނާ އަށް އެތައް ކާމިޔާބީތަކެއް ހޯދައިދިން 41 އަހަރުގެ ގާޑިއޯލާ ބާސެލޯނާއިން ލުއްސާލުމަށް 40 މިލިއަން ހަރަދު ކުރަން ވެސް އަބްރޮމޮވިޗް ހުރީ ތައްޔާރަށެވެ.

ކުރިމަގާމެދު ވަކިގޮތެއް ނުނިންމައި ހުރި ގާޑިއޮލާގެ ބާސެލޯނާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ.
ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ ގޮނޑި އަށް އަބްރޮމޮވިޗް ލިސްޓުކޮށްފައިވާ އަނެއް ކޯޗަކީ ފްރާންސްގެ ގައުމީ ކޯޗު ލޯރަންޓް ބްލޮންކެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅުނުވާތީވެ ބްލޮންކަށް ޖޫން ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އާ ކޮންޓްރެކްޓެއް ދޭނެ ކަމަށް ނުބެލެވެ އެވެ. މިހެންވެ އޭނާގެ ނަން އަބްރޮމޮވިޗްގެ ލިސްޓަށް އަރާފައިވާއިރު މި ލިސްޓުން ދެން ފާހަގަ ކުރެވެނީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ޖަރުމަނުގެ ކޯޗު ޖޯކިމް ލޯ އަދި ބޮރޫޝިޔާ ޑޯޑްމުންޑްގެ ކޯޗު ޖާގަން ކްލޮޕެވެ. މީގެ ތެރެއިން ކްލޮޕް ވަނީ އެ މަގާމަށް އޭނާ އެކަށީގެން ނުވާ ކަމަށް ބުނެފަ އެވެ.

ޗެލްސީގެ ކޯޗުކަން ހުސްވީ ޕޯޗުގަލްގެ އަންދްރޭސް ވިޔާސް ބޯއަސް މަގާމުން ވަކި ކުރުމުންނެވެ. އަހަރަކު 4.5 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ ކޯޗު މަގާމުން ވަކިކުރ ނަތީޖާ ގޯސްވުމާއި ސީނިއާ ކުޅުންތެރިންނާ މައްސަލަ ޖެހެން ފެށުމުންނެވެ. މިހާރު ޓީމަށް އިރުޝާދު ދެމުން އަންނަނީ ވަގުތޫ ކޯޗު ޑިމަޓިއޯ އެވެ.

ޗެލްސީން އާ ކޯޗަކު ހޯދަން މަސައްކަތް ކުރާއިރު އެ މަގާމަށް ނުދިއުމަށް އެ ޓީމުގެ ކުރީގެ ކޯޗު ބްރެޒިލްގެ ލުއިސް ޕިލިޕޭ ސްކޮލާރީ ވަނީ ކޯޗުންނަށް ގޮވާލައިފަ އެވެ. ސަބަބަކީ އެއްވެސް ކޯޗަކަށް ޗެލްސީގައި ހަމަޖެހިގެން ގިނަ ދުވަހު ނުހުރެވުމެވެ. އަބްރޮމޮވިޗް 2003 ވަނަ އަހަރު ހަވާލުވި ފަހުން ޗެލްސީން މިހާތަނަށް ވަނީ ހަތް ކޯޗަކު މަގާމުން ވަކިކޮށްފަ އެވެ.