މަސައްކަތުގެ މާހައުލުގައި ގަނާކުރުމާއި ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހޭ ވާހަކައަކީ މިހާރު ވަރަށް ގިނައިން އަޑު އަހަން ޖެހޭ ވާހަކަތަކެކެވެ. ގަނާކުރުމުގެ ޝިކާރައަކަށް ގިނަ ބަޔަކު ވެފައިވާއިރު، މިކަމަށް އެކަށީގެންވާ ފިޔަވަޅު އެޅޭތަން ފެންނަނީ ވަރަށްވެސް މަދުންނެވެ.

ގަނާކުރުން ނުވަތަ ޖިންސީ ގޮތުން ފުރައްސާރަ ކުރުމަކީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަމަށާއި، މަސައްކަތަށް ބުރޫ އަރާ ކަމެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެމެރިކާގައި ހެދި ނެޝަނަލް ސްޓަޑީ އޮން ސެކްޝުއަލް ހެރޭސްމަންޓް އެންޑް އަސުއަލްޓް އިން ދެއްކި ގޮތުގައި މަސައްކަތުގެ މާހައުލުގައި ކޮންމެ ހަތް އަންހެނަކުން އެއް އަންހެނަކާއި ކޮންމެ 17 ފިރިހެނުންގެ ތެރެއިން އެއް ފިރެހެނަކު ވަނީ ޖިންސީ ފުރައްސާރައާއި ގަނާކުރުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައެވެ. މީގެ އިތުރުން ޖިންސީ ފުރައްސާރައާއި ގަނާ ކުރުމުގެ މައްސަލަތައް 38 ޕަސެންޓް އަންހެނުންނާއި 14 ޕަސެންޓް ފިރެހެނުން ރިޕޯޓްކޮށްފައިވެއެވެ.

މި ތަފާސްހިސާބުތަކުން ސާބިތުކޮށްދެނީ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމަކީ އާންމު ކަމެއް ނަމަވެސް އެކަން ރިޕޯޓް ކުރަނީ ވަރަށް މަދުން ކަމަށެވެ.

އާންމު ގޮތެއްގައި މަސައްކަތުގެ މާހައުލުގައި ގަނާކޮށް އުޅެނީ ފަސް ގޮތަކަށެވެ. އެއީ އަނގަބަހުން ގަނާ ކުރުމާއި، ނަފްސާނީ ގޮތުން ގަނާ ކުރުމާއި، ޖިންސީ ގޮތުން ފުރައްސާރަ ކުރުމާއި ސައިބާ ބުލީއިންއެވެ.

އަނގަބަހުން ގަނާ ކުރުން

އަނގަބަހުން ގަނާކުރުން ނުވަތަ ވާބަލް ހެރޭސްމެންޓަކީ މީހަކު ހިތުގައި ޖެހޭ ފަދަ ގޮތަކަށް އެމީހަކު ނިކަމެތިކޮށްލުމުގެ ގޮތުން ވާހަަކަދެއްކުމެވެ. އާންމު ގޮތެއްގައި އަނގަބަހުން ގަނާ ކުރާއިރު ބޭއަދަބީ ބަސްތައް ބޭނުންކޮށް ޖޯކުޖަހައެވެ. މިކަމުގެ ސަބަބުން މަސައްކަތް ކުރަން ފޫހިވެ މީހުންނާ ކުރިމަތިލާން ޖެހިލުންވެއެވެ.

އަނގަބަހުން ގަނާކުރުމަކީ މީހާއަށް ނަފްސާނީ ގޮތުން ގިނަ ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެގޮތުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި މީހުންގެ ތެރޭގައި އުޅެން އުނދަގޫވާނެއެވެ.

ނަފްސާނީ ގޮތުން ގަނާ ކުރުން

ނަފްސާނީ ގޮތުން ގަނާ ކުރުމާއި އަނގަބަހުން ގަނާ ކުރުމަކީ ދާދި އެއްގޮތް ކަމެކެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި، އަމިއްލަ ނަފްސަށް އަނިޔާ ކުރަން ބޭނުންވާ ހިސާބަށްދެއެވެ.

މަސައްކަތުގެ މާހައުލުގައި ތިމާ ކުރާ މަސައްކަތުގެ ރީތި ނަން އެހެން މީހަކު ނެގުންފަދަ ކަންކަންވެސް ހިމެނޭނީ ނަފްސާނީ ގޮތުން ގަނާ ކުރުމުގެ ތެރޭގައެވެ.

ސައިބާ ބުލީއިން

ސައިބާ ބުލީއިންއަކީ ސޯޝަލް މީޑިއާގައި މީހަކު ބަދުނާމުކޮށް އަގުވައްޓާލުމުގެ ގޮތުން ކުރާ ކަމެކެވެ. ޓެކްނޮޮލޮޖީން ކުރި އަރާފައިވާ މި ޒަމާނުގައި ސައިބާ ބުލީކުރުން އާންމު ވެފައިވާއިރު އާންމު ގޮތެއްގައި ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައި ސައިބާ ބުލީކުރުންވަނީ ގިނަވެފައެވެ.

ޖިންސީ ފުރައްސާކުރުން

މަސައްކަތުގެ މާހައުލުގައި ޖިންސީ ގޮތުން ފުރައްސާރަ ކުރުން ވަނީ ހީނުކުރާވަރަށްވުރެ ބޮޑުވެފައެވެ.

އެމެރިކާގެ ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ މެކްކެންޒީއިން ގައުމީ ފެންވަރުގައި ހެދި ސާވޭއަކުން ދައްކާ ގޮތުގައި މަސައްކަތުގެ މާހައުލުގައި 35 ޕަސެންޓް އަންހެނުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ގިނަ އަދަދެއްގެ ފިރިހެނުން ވެސް ވާކަން ސާވޭގައި ފާހަގަކޮށްފައިވެއެވެ.

ހުއްދަނެތި ގައިގައި އަތްލުމާއި ބޭއަދަބީ ވާހަކަ ދައްކައި އެފަދަ މެސެޖުތައް ފޮނުވުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގެ ޝަރުތަކަށް ޖިންސީ މުއާމަލާތްތައް ކުރުން މަޖުބޫރު ކުރުވުން ޖިންސީ ފުރައްސާރައިގެ ތެރޭގައި ހިމެނޭނެއެވެ.

މި ފަސް ބާވަތުގެ ގަނާއާ މެދު ހޭލުންތެރިވެ ހުރުމަކީ އެކުގައި މަސައްކަތްކުރާ ރައްޓެއްސަކަށް ނުވަތަ އާއިލާގެ މީހަކަށް މިފަދަ ކަމެއް ދިމާވުމުން އެކަމުން އެމީހުން ރައްކާތެރި ކޮށްދިނުމަށް އެހީތެރިވެވޭނެ ކަމެކެވެ.