05 Jun 2022, 16:07
ރާއްޖޭގެ ފެހިކަން އިތުރުކޮށް ރުއްގަސް ހިމާޔަތް ކުރުމަށް މުޅިން އައު ގަވައިދެއް އެންވަޔަރަންމެންޓް މިނިސްޓްރީ އިން އެކުލަވާލައިފިއެވެ.
ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ނަމުގައި އެންވާރަމެންޓް މިނިސްޓްރީން އިއްޔެ ގެޒެޓުގައި ޝާއިއު ކުރި މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުއެވެ.
މި ގަވައިދު ހެދުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ފެހިކަން އިތުރުކޮށް ދެމެހެއްޓުމަށް ޓަކައި ރުއްގަސް އިންދުން އިތުރުކޮށް އެކަމަށް ހިތްވަރުދިނުމާއި ރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާއި އެ ތަކެތި ބެލެހެއްޓުން ހިމެނެއެވެ. އަދި ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަކީ ވެސް މި ގަވައިދުގެ މަގުސަދެކެވެ.

ރާއްޖޭ ރަށަކުން ރުއް އުފުރާފައި --
އައު ގަވައިދުގެ ދަށުން އެއްވެސް ރަށަކުން އާންމު ތަނެއްގައި ހެދިފައި ހުންނަ ރުއްގަސް ކެނޑޭނީ އަދި އުފުރައިގެން ގެންދެވޭނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިގެންނެވެ. އަދި ހުއްދަ ހޯދުމަށް ފަހުގައި ވެސް އެ ރުއްގަސް ކެނޑެނީ ރުއްގަސް ހިމެނޭ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި އޭނާގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.
މި ގަވައިދުގައި ދަރުގެ ބޭނުމަށް ރުއްގަސް ކެނޑުމުގެ ހުއްދަ ދޫކުރަން ކައުންސިލްތަކަށް އެ ބާރު ވެސް ދީފައިވެއެވެ. ނަމަވެސް އެ ގޮތަށް ދޫކުރެވޭ ހުއްދަތައް ދަފުތަރުކޮށް ކޮންމެ އަހަރަކު ވެސް ދަފުތަރުގެ މައުލޫމާތު އީޕީއޭއަށް ފޮނުވަން ޖެހޭނެއެވެ. އަދި ދަރުގެ ބޭނުމަށް ވެސް ވަކިވަރަކަށް ދިގު މިން ހުންނަ ރުއްގަސް ކެނޑުން މި ގަވައިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.
ފަޅުރަށަކުން ނުވަތަ އިގްތިސޯދީ އިޖްތިމާއީ ބޭނުމަކަށް ދޫކޮށްފައިވާ ރަށަކުން ރުއްގަސް ކަނޑާނަމަ ގާނޫނީ ގޮތުން އެ ރަށެއް ހަވާލުކޮށްފައިވާ ފަރާތާއި އެ ރަށެއް ހިމެނޭ އަތޮޅު ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި ކެނޑޭ ގޮތަށް މި ގަވައިދުގައި ވާއިރު، މި ގޮތަށް ރުއްގަސް ކަނޑަން ހުއްދަ ދެވޭނީ ކޮންމެހެން އެ ކަމެއް ކުރަން ޖެހޭ ނަމައެވެ. މިގޮތުން ގަހެއްގެ ގޮފިތަކާއި މޫތައް ބޮޑުވެ ދިގުވުމުގެ ސަބަބުން ކައިރި ގޯތިތަކާއި އިމާރާތްތަކަށް ގެއްލުން ލިބޭ ހާލަތުގައި ރުއްގަސް ކެނޑުމުގެ ހުއްދަ މި ގަވައިދުގެ ދަށުން ލިބިގެންވެއެވެ.

ހއ. ބާރަށުން ނަގާފައިވާ ރުއްތަކެއް-- ފޮޓޯ: ފުރުގާން
މިނިސްޓްރީން ނެެރުނު ގަވައިދުގައި ފަސް ބާވަތެއްގެ ގަސް ކެނޑުން މަނާކޮށްފައިވެއެވެ. އެގޮތުން ރަށުގެ ހޭޅިފަށުން އެންމެ ގޮނޑުދޮށުގަ އާއި ގޮނޑުދޮށުން އެއްގަމަށް 20 މީޓަރު ފުޅާ މިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ގަސްތަކާއި ހިމާޔަތް ކޮށްފައިވާ ރަށްރަށުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަހާއި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައާއި އޭގެ ވަށައިގެންވާ 20 މީޓަރުގެ ފުޅާ މިނުގައި ހެދިފައި ހުރި ރުއްގަސްތައް ހިމެނެއެވެ.
މީގެ އިތުރުން ދިރޭތަކެތި ހިމާޔަތް ކުރުމުގެ ބޭނުމުގައި ގާނޫނީ ގޮތުން ހިމާޔަތް ކޮށްފައިވާ ހުރިހާ ބާވަތެއްގެ ގަހާއި ރާއްޖޭގައި ހުރި ނެތި ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި، ކެނޑުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ގަވައިދުގައި ބުނާ ގޮތުން 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ކޮންމެ ގަހަކީ ހިމާޔަތްކޮށްފައިވާ ގަހެކެވެ. އެ ގަސްތައް ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ރަށު ކައުންސިލުތަކުންނެވެ.

ރާއްޖޭ ރަށަކުން ރުކެއް އުފުރައިގެން ބާޖަކަށް އަރުވަނީ --
މި ގަވައިދާ ޚިލާފުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާތަކެއް ދައްކަން ޖެހޭނެއެވެ. އެގޮތުން ގަވާއިދުގައި ހުއްދަ ހޯދަން ޖެހޭ ކަމެއް ހުއްދަ ނުހޯދާ ކޮށްފި ނަމަ ފުރަތަމަ ފަހަރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރު އެކަހަލަ ކަމެއް ވެއްޖެ ނަމަ 100،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 150،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.
ވެއްޔާއެކު ރުއްގަސް ގެންގޮސްފިނަމަ އަދި ކޮންނަ ވަޅުގަނޑަށް ކުނި ލޮނު ވެލި އަޅައިފިނަމަ ފުރަތަމަ ފަހަރު 15،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެެވެ. ދެވަނަ ފަހަރު 50،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 100،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
ގަވާއިދުގައި ބުނާ މައުލޫމާތުތައް މުއްދަތަށް ނުފޮނުވައިފި ނަމަ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރު 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 15،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
މީގެ އިތުރުން ގަވައިދާ ޚިލާފަށް ކަނޑައިގެން ގެންދާ ރުއްގަސް ބަލައިގެންފި ނަމަ ފުރަތަމަ ފަހަރު 50،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. އަދި ދެވަނަ ފަހަރު 100،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 150،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.
އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 2006 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރަމުންދާ "ރުއް ނުވަތަ ގަސް ކެނޑުމާއި،
އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާ ބެހޭ ގަވާއިދު" އުވިގެންދާނެއެވެ. އަދި 2007 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ "ގުދުރަތީ އަދި ތަބައީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު" ވެސް އުވިގެންދާނެއެވެ.
އެންވަޔަރަންމެންޓު މިނިސްޓްރީން އެ ގަވައިދު އައު ކުރުމުގެ ކުރިން، ރިސޯޓުތަކެއް ފެހި ކުރުމަށް ރަށްރަށުން ރުއް ނަގައިގެން ގެންދިޔަ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.