05 Jun 2022, 15:49
މޮސްކޯ (5 ޖޫން 2022): އެމެރިކާއިން ޔުކްރޭނަށް ދޭ ބާރުގަދަ ހަތިޔާރުގެ ޝިޕްމަންޓްތަކަށާއި އެތަކެތި އުފުލާ އުޅަނދުތަކަށާއި އެތަކެތި ރައްކާކުރާ ގުދަންތަކުގެ އިތުރުން އެހަތިޔާރު ބޭނުންކުރުމުގެ ތަމްރީން ހަދާ މަރުކަޒުތަކަށްވެސް ރަޝިއާއިން ހަމަލާ ދޭނެކަމަށް ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ "ޗެނެލް ވަން" ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ އެމެރިކާއިން ޔުކްރޭނަށް ދޭ ބާރުގަދަ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހަމަލާދީ އެތަކެތި ހަލާކުކުރުމަށް ރަޝިއާ ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށާ ރަޝިއާއިން ޔުކްރެއިންގައި މިހާތަނަށް ބޭނުންނުކުރާ ވަރުގެ ދުރުރާސްތާގެ ބާރުގަދަ މިސައިލް މިތަކެއްޗަށް ހަމަލާދިނުމަށް ބޭނުންކުރާނެކަމުގައެވެ.
ޕޫޓިން މިހެން ވިދާޅުވެފައިވަނީ އެމެރިކާއިން ޔުކްރެއިންއަށް ފޯރުކޮށްދިން ހަތިޔާރު ރައްކާކޮށްފައިވާ ގުދަނެއް ހިމެނޭ އެހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދޭ ޔުކްރެއިންގެ މަރުކަޒަކަށް ދުރުރާސްތާގެ މިސައިލުން ހަމަލާދީ އެތަން ހަލާކުކޮށްލިކަން ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވަނިކޮށެވެ.
ރަޝިއާ ދިންކަމަށް ބުނާ މި ހަމަލާތަކާ ބެހޭ ގޮތުން ޔުކްރެއިން އިންވެސް އަދި އެމެރިކާވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެއިތުރުން އިއްޔެ ރަޝިއާގެ ދިފާއީ ވުޒާރާއިންވަނީ އެމެރިކާގެ ހަތިޔާރުތަކެއް ހިފައިގެން ޔުކްރޭންއަށް ވަން ޔުކްރެއިންގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓަކަށް ހަމަލާދީ އެބޯޓު ވައްޓާލިކަންވެސް ހާމަކޮށްފައެވެ.
މިބޯޓު ވެއްޓުނުކަމަށް ޔުކްރެއިން އިން އިއުތިރާފު ވިނަމަވެސް އެބޯޓުން އުފުލީ އެމެރިކާގެ ހަތިޔާރުކަމަށް ޔުކްރެއިން އިން އެއްބަސްވެފައެއް ނުވެއެވެ. ޔުކްރެއިން މިއަދުވަނީ ރަޝިއާގެ ފައިޓާ ޖެޓެއް ވައްޓާލައި އެ ޖެޓްގެ ޕައިލެޓް މަރާލިކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެމެރިކާއިން ޔޫކްރޭންއަށް ބާރުގަދަ ހަތިޔާރު ދިނުމަށް ފަސްޖެހުމަށްފަހުވެސް ކޮންގްރެސްގެ ފިއްތުންތަކާއެކު ރައީސް ޖޯބައިޑެން ވަނީ ދުރުރާސްތާގެ ބައެއް މިސައިލާ އެނޫންވެސް ބާރުގަދަ ބައެއް ހަތިޔާރު ޔޫކްރޭންއަށް ދިނުމަށް އެންމެފަހުން ނިންމަވާފައެވެ. ނަމަވެސް ބާރުގަދަ ހަތިޔާރު ޔޫކްރޭންއަށް ދުރުރާސްތާގެ ބާރުގަދަ ހަތިޔާރުދޭން ބައިޑެން ނިންމެވީ އެހަތިޔާރުން ރަޝިއާގެ އެއްވެސް ތަނަކަށް ހަމަލާނުދިނުން ޝަރުތުކޮށްފައި ކަމަށް ވައިޓް ހައުސް ބުނެއެވެ.
ރަޝިޔާއިން ޔޫކްރޭންގެ އިރުމައްޗާއި އިރުދެކުނު ހިމެނޭގޮތަށް ޔުކްރޭންގެ ބިމުގެ 20 އިންސައްތަ ހިފައި އެތަންތަނުގައި ފައިހަރުކޮށްފައިވާއިރު ބާރުގެ ބޭނުންކޮށްގެން އެސަރަހައްދުތަކުން ދެން ރަޝިއާ ސިފައިން ފައްސާލުމަކީ ޔުކްރެއިން އަށް ފަސޭހަ ކަމަކަށް ނުވާނެކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.
ސަބަބަކީ ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ޔުކްރެއިން ގެ އިރުމަތީ ސަރަހައްދުތަކަކީ ރަޝިއާއާ ބިމުގެ ގޮތުން ސީދާގޮތެއްގައި ގުޅިފައިވާ ސަރަހައްދު ތަކަކަށްވެފައި އެތަންތަނުގައި ދިރިއުޅޭ ޔުކްރެއިން ރައްޔިތުންގެ ތެރޭގައި ރަޝިއާ ދަރިކޮޅުގެ މީހުން ގިނަވެފައި ރަޝިއާ ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކްސް ސަރަހައްދީ ރޮނގު ހުރަސްކޮށް އެސަރަހައްދުތަކަށް ގެންނަން ރަޝިއާއަށް ފަސޭހަވާތީއެވެ.
ރަޝިއާގެ ވިސްނުންހުރީ އެސަރަހައްދުތައް ރަޝިއާއާ އެއްކޮށްލައި ރަޝިއާގެ ބައެއްގެ ގޮތުގައި އެތަންތަން ހެދުންކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.