05 Jun 2022, 11:51
ނިއު ދިއްލީއިން އަޙްމަދު ސާއިލު އަލީ
އިންޑިއާގެ ވެރިރަށް، ނިއު ދިއްލީން ބަހުގައި ދޮޅުގަނޑިއިރެއްހާއިރު ދުއްވުމަށް ފަހު ދިވެހި ނޫސްވެރިންގެ ޓީމުން ގުރޫގްރާމަށް ދިޔައީ އެ ގައުމުގެ ނޭވީއިން ހާއްސަ މަސައްކަތްތަކެއް ކުރާ މަރުކަޒަކަށެވެ. އެތަނުގެ ގޭޓުން އެތެރެއަށް ބަސް ވެއްދުމުގެ ކުރިން ނޫސްވެރިންނަށް އެންގީ ފޯނު ބޭނުން ކުރުން މަނާ ކަމަށެވެ. އަދި އެއްވެސް ގޮތަކަށް ފޮޓޯ ނުނެގުމަށް އެންގިއެވެ. އެތަނުގައި ކުރާ މަސައްކަތުގެ ގޮތުން ރައްކާތެރިކަމަށްޓަކައެވެ.
ހޫނުގަދަ ހެނދުނެއްގައި އަހަރެމެން ނޫސްވެރިން މި އައީ "އިންފޮމޭޝަން ފިއުޝަން ސެންޓަރު- އިންޑިއަން އޯޝަން ރީޖަން" އަށެވެ. ތަނުގެ ތެރެއަށް ވަނުމާއެކު އެންމެންނަށް ވެސް ލިބުނު އެންމެ ބޮޑު އުފަލަކީ ދިވެހި ސިފައިންގެ ބޭކަލަކާ އެ މަރުކަޒުން ބައްދަލުވުމެވެ. ދެ އަހަރުގެ ޓާމަކަށް އެ މަރުކަޒަށް ފޮނުވާފައި ހުރި އެމްއެންޑީއެފްގެ މޭޖާ ހަސަން ނަދީމްގެ ދައުރު އެ މަރުކަޒުގައި ވަރަށް ބޮޑެވެ. އޭނާގެ އިތުރުން މޮރިޝަސްއާއި ފްރާންސްގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ސިފައިން ވެސް އެ މަރުކަޒުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

އައިއެފްސީ-އައިއޯއާރުގެ މަސައްކަތްތައް ދިވެހި ނޫސްވެރިންނަށް ކިޔައި ދެނީ-- ފޮޓޯ: އައިއެފްސީ
ކޮންފަރެންސް ރޫމަށް ނޫސްވެރިން ވެއްދުމަށް ފަހު އެ ސެންޓަރުގެ ކޮމާންޑަރާއި އޮޕަރޭޝަންސްގައި އިސްކޮށް ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންގެ އިތުރުން މޭޖާ ނަދީމް އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ނޫސްވެރިންނާ ހިއްސާ ކުރިއެވެ. އެއަށް ފަހު ނޫސްވެރިން ވެއްދީ ސަވައިލެންސްގެ މަސައްކަތް ކުރާ މައި ރޫމަށެވެ. ބޮޑު ސްކްރީނެއްގައި މުޅި އިންޑިއާ ކަނޑުގެ ސަރަހައްދު އެއްކޮށް ފެންނަން ހުރެއެވެ. އެ ސަވައިލެންސްގައި ބޭނުން ކުރާ ސޮފްޓްވެއާގެ އެހީގައި ބޭނުން އުޅަނދެއްގެ މައުލޫމާތު ބަލާލެވެއެވެ. އުޅަނދުތަކުގެ އިތުރުން ސަބްމެރީން ކޭބަލްތަކާއި ކަނޑުގެ ސަރަހައްދުގެ އެހެނިހެން މައުލޫމާތުތައް ވެސް އެ ސެންޓަރަށް ވަގުތުން ބަލައިލެވެއެވެ. އެ ކޮންޓްރޯލް ރޫމުގައި 24 ގަޑިއިރު މަސައްކަތް ކުރާއިރު ކުށްކުރާ މީހުންނަށް އެ ސިފައިން ތިބެނީ ވަރަށް ބޮޑަށް ފާރަވެރިވެއެވެ. މިއީ އިންޑިއާ ކަނޑުގެ ސަލާމަތަށް ވަރަށް މުހިންމު ސެންޓަރެއްކަން އެ ރޫމަށް ވަނުމާއެކު ވެސް އެނގިގެން ދިޔައެވެ.

އެފަދަ ސެންޓަރެއް ހެދި މައިގަނޑު ސަބަބަބީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ސަރަހައްދީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. އެ ސެންޓަރުން އަބަދުވެސް ތިބެނީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދު މޮނީޓާ ކޮށްލަކޮށްލައެވެ. މަސްތުވާތަކެތީގެ ވިޔަފާރި އާއި އިންސާނީ ވަގުފާރީގެ އިތުރުން ހަތިޔާރުގެ ވަގު ވިޔަފާރިއާ އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް މި ސެންޓަރުން ތިބެނީ 24 ގަޑިއިރު ފާރައަށެވެ. ސެޓްލައިޓާއި އެކިއެކި ސޮފްޓްވެއާތަކުގެ އެހީގައެވެ. ކިރިޔާވެސް ނުރައްކަލެއް ފާހަގަ ކުރެވޭއިރަށް އެ ސަރަހައްދެއް ނިސްބަތްވާ ގައުމަކަށް އަންގައެވެ.
ދެހާސް އަށާރަ ވަނަ އަހަރު އުފެއްދި މި ސެންޓަރުގެ މަގުސަދަކީ، އެކި ސަރަހައްދުތަކާއި އެ ސަރަހައްދުން ބޭރުގެ ކަނޑުގެ ރައްކާތެރިކަން ހަރުދަނާކޮށް، ކަނޑުގެ ހާލަތުގެ އާންމު ގުޅިފައިވާ ތަސްވީރެއް ބިނާކޮށް، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތީ މައުލޫމާތު ހިއްސާކުރާ މަރުކަޒެއްގެ ގޮތުގައި ހަރަކާތްތެރިވުމެވެ. މި މަރުކަޒު އުފެދުނު ފަހުން 50 އަށްވުރެ ގިނަ ޤައުމުތަކާއި މަލްޓިނޭޝަނަލް/ މެރިޓައިމް ސެކިއުރިޓީ ސެންޓަރުތަކާއެކު ވޯކިން ލެވެލް ލިންކޭޖްތައް ޤާއިމުކޮށްފައިވެއެވެ. ހަމައެކަނި އިންޑިއާ ސިފައިން އެކަމުގައި އުޅުމުގެ ބަދަލުގައި މި މަސައްކަތް ކުރަނީ އެކި ގައުމުތަކުގެ ސިފައިން ބޭނުން ކޮށްގެންނެވެ. ރާއްޖޭން މި ސެންޓަރުގައި ހުންނަ ނަދީމް ގެންދަވަނީ ރާއްޖޭގެ ރައްކާތެރިކަމަށް ޓަކައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
މި ސެންޓަރުން ކޮންމެ މަހަކު ވެސް މެރިޓައިމް ސެކިއުރިޓީ އަޕްޑޭޓް (އެމްއެމްއެސްޔޫ) އާއި ހާފް އިޔާލީ އޯވާވިއު އަދި އަހަރީ ރިޕޯޓް ފަދަ އެކި ޕަބްލިކޭޝަންތައް ނެރެއެވެ. މި ޕަބްލިކޭޝަންތަކަކީ ކަނޑުފޭރުމާއި، ހަތިޔާރު އެޅި ފޭރުމާއި، ކޮންޓްރެބަންޑް ސްމަގްލިން، ގަވާއިދާ ހިލާފަށް، ރިޕޯޓް ނުކުރާ އަދި ގަވާއިދާ ހިލާފު މަސްވެރިކަމާއި، ގަވާއިދާ ހިލާފު ހިއުމަން މައިގްރޭޝަން އަދި ކަނޑުގެ އެހެން ނުރައްކާތައް ހިމެނޭ ގޮތަށް ކަނޑުގެ ތަފާތު މައްސަލަތަކާ ބެހޭ މައުލޫމާތުގެ ފުރިހަމަ މަސްދަރެއްގެ ގޮތުގައި މަސައްކަތްކުރާ ޕަބްލިކޭޝަންތަކެކެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑު ކަމަށްވާއިރު އިންޑިއާ ނޭވީއިން ހިންގާ މި ފަދަ ސެންޓަރަކުން ދިވެހީންނަށް ފުރުސަތު ދިނުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓަކަށް ރާއްޖެ ހަދާފައިވާއިރު އެންމެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަނީ ވެސް ކަނޑުމަގުންނެވެ. މިފަދަ ސެންޓަރެއްގެ ސަބަބުން އެފަދަ ކުށްތައް ހުއްޓުވުމަށް ފަސޭހައަކަށް ވެގެންދެއެވެ.
ދިގު ދަތުރަކަށް ފަހު ނޫސްވެރިންނަށް އާދެވުނު މި ސެންޓަރާއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައީ ރާއްޖެ ހިމެނޭގޮތަށް އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރާކަން ޔަގީން ވުމުންނެވެ. ކުށްވެރިންނަށް ފާރައަށް ގުރޫގްރާމުގައި މި ހުންނަ ސެންޓަރުން އެކަނިވެސް މި ކުރަނީ ވަރަށް ގިނަ މަސައްކަތެވެ.