ނިއު އިން މި އަހަރު ވީބީ އަށް ކުޅެން ސޮއިކުރި އިބްރާހީމް ޝިޔާމް (ޖޯން) އެކުލަބަށް އެއްވެސް މެޗެއް ކުޅެނުދީ އެހެން ކުލަބަކަށް ބަދަލުވާން އެދެފި އެވެ.
ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ބުނީ ޖޯން އަކީ ވީބީން ވަރަށް ބޮޑު އަގުދީފައިވާ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް "ވީބީ އަށް ކުޅެން ޖޯން ބޭނުންނުވާނަމަ ނުހިފަހައްޓާނަން،" ކަމަށެވެ.
"އެހެން ކުޅުންތެރިންނެކޭ އެއްވެސް އެއްގޮތަށް ޖޯން އަށް ވެސް ޕްރެކްޓިސް ކުރަން އަންނަން އަހަރުމެން މެސެޖް ކުރަން. އޭނާ އަންނާނަމޭ ބުނެފަ ވެސް ނާދޭ. އެކަމަކު މިހާ ކުޅުންތެރިން މަދުތަނެއްގައި އަދި ޖޯން އަކީ މޮޅު ކުޅުންތެރިއަކަށްވާއިރު ވީބީ އަށް ކުޅެން އޭނާ ބޭނުންނުވަންޏާ ވީބީ އަކުން ނުހިފަހައްޓާނަން،" ސަތޯ ބުންޏެވެ.
ސަބަބަކީ މޮޅު ކުޅުންތެރިއެއްގެ ކުޅުން ހަލާކުކޮށްލަން ބޭނުންނުވާތީ ކަމަށް ވެސް ސަތޯ ބުންޏެވެ.
ނިއު އަށް ދެ އަހަރު ކުޅުމަށް ފަހު ޖޯން ވީބީ އަށް ބަދަލުވި އިރު އޭނާއަކީ ކުރިން ވިކްޓަރީ އާއި ވެލެންސިއާ އަދި އައި.އެފްސީ އަށް ވެސް ކުޅެފައިވާ މިޑްފީލްޑަރެކެވެ.
ކުރީގެ ގައުމީ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމްގެ ކޮއްކޮ ޖޯން މި އަހަރު ފެނުން ގާތީ މާޒިޔާއިން ކަމަށް ވެސް މާލެ ތެރޭގައި ވަނީ އަޑުއަރާފަ އެވެ. ނަމަވެސް ވީބީ މި އަހަރު ކުޅުނު ދެ މެޗުގައި ވެސް ކުޅިބަލަން ހުރި ޖޯންގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.