"ކޮންތާކަށް ތި ދަނީ؟" އެއްފަހަރު ރިފްއަތަށް އަނެއްފަހަރު އޭނާއަށް ފުރަގަސް ދީގެން ހުރި މިޝްޔާއަށް ބަލައިލަމުން މާކިން ސުވާލުކޮށްލިއެވެ.

މިޝްޔާ އެހުރި ގޮތަށް ހުއްޓާ މާކިން އައިސް މިޝްޔާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނާ މިޝްޔާއަށް ގޮވައިލުމާއެކު ލަސްލަހުން މިޝްޔާ އެނބުރިލިއެވެ.

"ކޮންތާކަށް ތި ދަނީ؟" މާކިން ސުވާލުކޮށްލިއެވެ.

"ބޭރަށް..." ޖެހިލުންވެފައި ހުރި ފަދަ ގޮތަކަށް މިޝްޔާ ބުނެލިއެވެ.

"ބޭރަށް؟ ދޮންބެއާ އެކީގައި ގޮސްލަންވީނު. މި ހުރީ މާލޭގެ ތަންތަންވެސް ވަރަށް ބަލައިލަން ބޭނުންވެފަ" މާކިން ބުނެލިއެވެ. މިޝްޔާ ބޭރަށް ދާ ބޭނުން އޭނާއަށް އެނގޭތީ އެކަން ހުއްޓުވަން މާކިން ބޭނުންވިއެވެ. މާކިން އެހެން ބުނުމުން މިޝްޔާއަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ.

"ކިހިނެއްވީ؟ ނުދާނަން؟" މާކިން ސުވާލުކޮށްލިއެވެ.

"ނޫން. މިގަޑީގަ..." މިޝްޔާއަށް ބުނަންވީ އެއްޗެއް ނޭނގުނެވެ.

"ބޭރަށް ނުދަންޏާ ބަގީޗާތެރެއަށް ވެސް ނުކުމެވިދާނެ އެއްނު." މާކިން އަނެއްކާވެސް ބުނެލިއެވެ. މިޝްޔާ ބޯ ޖަހައިލިއެވެ. މާކިންގެ މަޤްސަދު މިޝްޔާއަށްވެސް އެނގެއެވެ. މާކިންގެ ބަހުގައި ކޮޅުފައިން ޖަހާފައި ދާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންނަމަވެސް، މި ވަގުތުވެސް އޭނާގެ ނަފްސު ދިޔައީ ކަމަކާ ހަނގުރާމަކުރަމުންނެވެ. އޭނާ އެ ބޭނުންވާ އެއްޗެއް ނުލިބިއްޖެނަމަ ދެން ވާނީ ކިހިނެއްކަންވެސް މިޝްޔާއަށް އެނގެއެވެ. މިހާރު އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ. އެއާ ނުލާ އޭނާއަކަށް ނޫޅެވޭނެއެވެ. މިޝްޔާ ހުއްޓި ހުރުމުން މާކިން އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ.

"މިގަޑީގައި ބޭރަށް ދާހިތެއް ނުވޭ. ބޮލުގައި ރިއްސާ އެބަ. މައްޗށް މިދަނީ..." މިޝްޔާ މާކިންއަށް ބަލައިލުމެއްނެތި ބުނެލިއެވެ. އޭނާ ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި ދިޔަ މަންޒަރު ބަލަން ހުރި މާކިންއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އެ އަނދިރި ވަޅުގަނޑުން މިޝްތޔާ ސަލާމަތްކުރުމަށް އޭނާ އެވަގުތު އަޒުމު ކަނޑަައެޅިއެވެ. ކޮންމެ ގޮތެއް ވިޔަސް ހުރި ހަމައެކަނި ކޮއްކޮ އެގޮތުގައި ނިމިދާކަށް އޭނާ ބޭނުމެއް ނޫނެވެ. މިޝްޔާގެ އުމުރުން އެންމެ ސައްވީސް އަހަރެވެ. އުމުރުގެ ބާކީ ބައިގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހިގެން ނިމިދާން އެދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމުގައި އޭނާ ހުރީ މިޝްޔާއަށް ދޭން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭށެވެ. މާކިން ބަލައިލީ ރިފްއަތަށެވެ.

*****

ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލި މިޝްޔާގެ ގައި ހިރުވަނީއެވެ. އޭނާއަށް ނޭނގޭ އުދަގުލެއް ވަނީއެވެ. ތެދުވެ އިށީނދެފައި އިސްތަށިގަނޑުގައި ހިފައްޓާލާ އަތުން ވާން ކޮށްލުމަށްފަހު އޭނާ ފުންނޭވާތަކެއް ލާން ފެށިއެވެ. މާކިން ހުއްޓާ ގެއިން ބޭރަށް ދިޔުމަކީ ފަސޭހަކަމެއް ނޫންކަން މިޝްޔާއަށް އެނގެއެވެ. ރިފްއަތުގެ ކުރިމަތީގައި ޒުވާބުކުރުމަށްފަހު، އޭނާ ބޭރަށް ދިޔަނަމަވެސް، މާކިންއާ އެގޮތަށް ޒުވާބު ކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ. މިޝްޔާ ކުއިލްޓް އޭނާގެ ބޮލާ އެކީގައި އަޅައިލިއެވެ. އޭގެ އިރުކޮޅެއްފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ދޮރު ހުޅުވައިލިއެވެ.

"މިޝޫ..." މާކިންގެ އަޑެވެ.

"މިޝޫ ނިދަނީތަ؟" މިޝްޔާ އޮތްގޮތަށް އޮތުމުން މާކިން އަނެއްކާވެސް ގޮވައިލިއެވެ. މިޝްޔާ މަޑުމަޑުން ކުއިލްޓް ދަށުން ބޯ ހިއްލައިލިއެވެ. އޭރު އޭނާއަށް އާދަޔާ ޚިލާފަށް ފިނިވަމުން ދިޔައެވެ.

"ނިދަން މިއުޅެނީ..." މާކިންއަށް ބަލައިލުމަށްފަހު މިޝްޔާ ބުނެލިއެވެ. މާކިން ބޭރަށް ނުކުމެ ދޮރު ލައްޕައިލިއެވެ. އޭގެ އިރުކޮޅެއްފަހުން މާކިން އައިސް ބަލައިލިއިރު މިޝްޔާއަށް އޮތީ ނިދިފައެވެ. އެވަގުތަކީ އޭނާއަށް ފޯނެއް އައި ވަގުތެވެ. ގުޅަނީ ނާޒިލްކަމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"އޭތް. އާދޭ ބްރެކްފަސްޓަށް." ނާޒިލް ބުނެލިއެވެ.

"ކަލޭ ކޮންތާކު؟ ނައިރާއަށްވެސް ގުޅަންވާނެއެއްނު." މާކިން ބުނެލިއެވެ.

"މަށަށް އެނގޭ މަށާ އެކީ އެކަނި ކަލޭ ނުދާނެކަން. އެހެންވީމަ އަހަރެން ނައިރާއަށް ގުޅާފައި އަންނަންވީ ތަން ބުނެފިން." ނާޒިލް ބުނެލިއެވެ. މާކިން އޯކޭއޭ ބުނެ ފޯނު ބޭއްވިއެވެ. އެއަށްފަހު އޭނާތިރިއަށް މިސްރާބުޖެހިއެވެ. ކާރަށް އަރައިގެން މާކިން މިސްރާބުޖެހީ މަޝްހޫރު ރެސްޓޯރެންޓެއްކަމުގައިވާ ޓޭސްޓީ ފުޑްސް އާ ދިމާލަށެވެ. ރެސްޓޯރެންޓް ކައިރީގައި އޮތް ޕާކިން ޒޯނުގައި ކާކު ޕާކުކޮށްލުމަށްފަހު، އޭނާ މަގު ހުރަސްކުރިއެވެ. އެއަށްފަހު ގޮސް ރެސްޓޯރެންޓް ތެރެއަށް ވަނެވެ. އޭނާ ވަށައިގެން ހޯދައިލީ ނާޒިލްމެން ފެނޭތޯއެވެ. ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިން ނާޒިލް ފެނުމުން އޭނާ އެ ދިމާލަށް ދިޔައެވެ.

"ނައިރާ ނާދޭތަ އަދި؟" ފޯނަށް ގެއްލިފައި އިން ނާޒިލް ސިހުނީ ގޮނޑީ ދަމާލާފައި އިށީންނަމުން މާކިން ވާހަކަ ދެއްކި އަޑު އިވިފައެވެ.

"މަގޭ ޙާލު ކިހިނެއްތޯ އަހާބަލަ ފުރަތަމަ..." ނާޒިލް ދެލޯ އަޅައިލިއެވެ.

"ހަހަ." މާކިން ޖަހައިލީ ހިނިގަނޑެކެވެ.

"ތިވަރުން އުޅޭއިރުވެސް، އަދިވެސް ތި ހިތުގައިވާ އެއްޗެއް ނައިރާ ކައިރީގައި ބުނާކަށް ނުކެެރެއެއްނު. ތިހެން އުޅެނިކޮށް ތެޔޮނާށި ކާޅު ޖަހައިގަނެފާނެ." ނާޒިލް ބުނެލިއެވެ.

"އޭނަ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކައެއް ނުބުނެ. އެކަމަކު ކަމުދާ ކުއްޖެއް ހުންނަކަމެއް ނޫނީ ނެތްކަމެއް ނޭނގޭ ބުނާކަށް." މާކިން ވިސްނައިލިއެވެ.

"އޭނަ މަ ދެކެ ލައިކް ވާނެތަ؟ ބުނެވޭ އެއްޗަކުން އަހަރެމެންގެ އެކުވެރިކަން ގެއްލިދާނެތީ މަ ބިރު ގަންނަނީ..." މާކިން ބުނެލިއެވެ.

"ތި ބިރު ކަނޑާލާފަ އެކަމަކާ ކުރިމަތި ލީމަ ދޯ ވާނީ..." ނާޒިލް ބުނެލިއެވެ.

"ކަލޭ އަނެއްކާ އެކަހަލަ ކަމެއް ކުރަނީތަ؟" މާކިން އަހައިލިއެވެ.

"މަ. މަ ނޫޅެން. އަހަރެން ފޯކަސް މިކުރަނީ ޖޮބަށް މިވަގުތު. އެހެން ނޫނަސް އަދި ކަމުދާ ކުއްޖަކާ ދިމައެއް ނުވޭ... ދިމާވާ ދުވަހަކުން ލަސްނުކޮށް މަގޭ ހިތުގެ ޙާލު އަންގާނަން." ނާޒިލް ބުނެލިއެވެ. ދެމީހުން އެފަދަ ވާހަކަތަކެއްގައި ތިއްބާ ނައިރާ އައިސް އެތެރެއަށް ވަނެވެ. ނާޒިލް ނައިރާއަށް ހަނާ އަޅައިލިއެވެ. ހުސް ގޮނޑީގައި އިށީންނަމުން ނައިރާ މާކިންއަށް ފުން ނަޒަރަކުން ބަލައިލިއެވެ. މާކިން ވެސް ނައިރާއަށް ބަލައިލިއެވެ. ނައިރާގެ އިސްތަށިގަނޑު ވަނީ އިހުނަށްވުރެ ދިގުވެފައެވެ. އަވީގައި ހިނގާފައި އައީމާ ކަންނޭނގެއެވެ. އޭނާގެ ދޮން މޫނު ވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. އާއްމުގޮތެއްގައިވެސް މޭކަޕް ނުކުރާ ނައިރާ މިފަހަރުވެސް ހުރީ މޭކަޕް ނުކޮށް ނަމަވެސް، އޭނާއަށް ގުދުރަތުން ދެއްވާފައިވާ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުން އެ ރީތިކަން އިތުރު ކޮށްދެއެވެ. މާކިންއަށް ކަޅި ޖަހައިނުލާ ނައިރާއަށް ބަލަން އިނދެވުނެވެ. އެ މަންޒަރު ބަލަން އިނުމަށްފަހު ނާޒިލް މޭޒު ދަށުން މާކިންގެ ފައިގައި ޖަހައިލިއެވެ.

"އައްދޯތް..." މާކިންއަށް ބުނެވުނެވެ.

"ކިހިނެއްވީ؟" ނައިރާ ސުވާލުކޮށްލިއެވެ.

"ނާޒިލް..." މާކިންއަށް ބަލައިލެވިނީ ނާޒިލްއާ ދިމާލަށެވެ. ވާނުވާ ނޭނގިފައި ނައިރާ އިނެވެ.

"ހިނގާ އޯޑަރު ދެމާ..." އެ ތަނަށް ވެރިވި މަޑުމައިތިރިކަން ފޫދުއްވައިލީ ނާޒިލެވެ. އޭނާ ވެއިޓަރަށް ގޮވާ ގެނައުމާއެކު ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ އެއްޗެއް މެނޫއިން ބަލައިލުމަށްފަހު އޯޑަރު ދިނެވެ.

"ކިހިނެއް ހޮސްޕިޓަލްގެ ކަންތައްތައް ދަނީ؟" މާކިން ނާޒިލްއާ ސުވާލުކޮށްލިއެވެ.

"ރަނގަޅު. ވަރަށް ބިޒީ ދުވަސްކޮޅެއް. އަދި މި ދުވަސްކޮޅު އައިސޮލޭޝަން ވޯޑުގެ ކަންތައްތަކުގެ ގިނަވަގުތު އުޅެންވެސް ޖެހެނީ." ނާޒިލް ބުނެލިއެވެ.

"ނައިރާ އޯ. ޖޮބް ލިބޭ ގޮތް ވެއްޖެ؟" މާކިން ސުވާލުކޮށްލިއެވެ.

"ދެތިން ތަނަކަށް އިންޓަރވިއުއަށް ގޮސްފިން. އަދި ހަބަރެއް ނުވޭ." ނައިރާ ބުނެލިއެވެ.

"ދެން މާކިން ބުނެބަލަ! ކޮން އިރަކުން ބައްޕަގެ ބިސްނަސްއާ ޖޮއިން ކުރަނީ؟" ނައިރާ ސުވާލުކޮށްލިއެވެ.

"އަދި ކުޑަ ދުވަސްކޮޅެއްފަހުންނޭ މި ކިޔަނީ..." މާކިން ބުނެލިއެވެ.

"އާނ. މައިންޑް ޖެހޭނެ ފްރެޝްކޮށްލަން ކިޔަވާ ނިންމާފަ. އަސްލު އަހަރެމެން އެންމެން ދާންވީ ވެކޭޝަންއަކަށް ދޯ" ނާޒިލް ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބައި، އެމީހުން އޯޑަރު ކުރި އެއްޗެހި އަތުވެއްޖެއެވެ. ކެއުމުގެ ގިނަ ވަގުތުގައިވެސް އިރުއިރުކޮޅަކާ މާކިންއަށް ނައިރާއަށް ބަލައިލެވެއެވެ. އެކަން ނާޒިލްއަށް ވެސް ފާހަގަވިއެވެ. އެހެންނަމަވެސް އޭނާ އެކަމާ ވިއްދާފައި އެއްޗެކޭ ނުބުނެއެވެ. މާކިން ވަރަށް ބޮޑަށް ނައިރާ ބޭނުންވާކަން އޭނާއަށް އެނގެއެވެ. މާކިން ބިރު ގަންނަނީ ކީއްވެގެންކަން ވެސް އެނގެއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެކަމުގައި އޭނާ މާކިން ކައިރީގައި އެތައް ފަހަރަކު ބުނި ނަމަވެސް، މާކިން ބުނަނީ އަދި އެފަދަ ހިތްވަރެއް ނެތްކަމުގައެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އުމުރު ދުވަހު ނައިރާ އޭނާއާ ވަކިވެއްޖެއްޔާ އޭނާ މާ ދެރަވާނެކަމުގައެވެ.

"މިހެން ބުންޏަސް ކިޔަވާ ނިމިގެން އެމީހަކު އެމީހެއްގެ ލައިފްއާގެން ކުރިއަށް ދާން ފެށީމަ އެންމެން އެކީ އެންޖޯއި ކޮށްލަން ދާންވެސް އަސްލު ހާދަ އުނދަގޫވާނެޔޭ ދޯ" ނާޒިލް ބުނެލިއެވެ.

"އެއީ..." ނައިރާ ނާޒިލްއަށް ބަލައިލިއެވެ. "ނޭނގެ އެއްނު މާދަން ނޫންކަމެއް ނައިރާވެސް މީހަކާ އުނދެގެން ދަރިއެއް ހޯދާނީ. އޭރުން ނުދެވޭނެއެއްނު." ނާޒިލް ލާނެއްގޮތަކަށް ބުނެލިއެވެ.

"ނޫޅެން..." ނައިރާ ބުނެލިއެވެ. ނާޒިލްގެ އެ ވާހަަކައިން ނައިރާއަށް އެއްވެސް ކަހަލަ ބަދަލެއް އަންނަމުން ދޭތޯ މާކިން ދިޔައީ ބަލަމުންނެވެ. އޭނާއަށް އެފަދަ އެއްވެސް އެއްޗެއް ފާހަގައެއް ނުވިއެވެ.

މާކިން ނާޒިލްމެންނާއެކު އުޅެފައި ގެއަށް ގޮސް މިޝްޔާގެ ކޮޓަރި ބަލައިލިއިރުވެސް މިޝްޔާ އޮތީ ނިދާފައެވެ. އޭނާ ދޮރު ލައްޕައިލާފައި މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަނުމަށްފަހު މާކިން ވަނީ ފާޚާނާއަށެވެ.

*****

މިޝްޔާއަށް ހޭލެވުނީ ހަވީރުގެ ފަހެއްވެސް ޖެހިފަހުންނެވެ. އޭނާ އާފުރިލަމުން ތެދުވެލިއެވެ. ފާޚާނާއަށް ވަދެ ކުޑަކޮށް މޫނު ދޮވެ ހަދައިގެން މިޝްޔާ ތިރިއަށް ދިޔައިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ މިސްރާބުޖެހީ ބޭރަށެވެ.

މާކިންއަށް ވެސް ހޭލެވުނީ މަޣްރިބް ނަމާދު ބަންގި ގޮވަނިކޮށެވެ. އޭނާ ވެސް ފެން ވަރާލައިގެން މިސްކިތަށް ގޮސްފައި ގެއަށް އަންނަނިކޮށް ނާޒިލް ގުުުޅުމުން ދިޔައީ ނާޒިލްއާ ދިމާކުރާށެވެ. ދެ އެކުވެރިން އިޝާ ނަމާދަށް މިސްކިތަށް އެރީވެސް އެކު އެކީގައެވެ. މިސްކިތުން ފައިބައިގެން ކޮފީއަކަށް އަރާފައި އެތައް އިރަކު އެ ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. މާކިންއަށް ފޯނެއް އައީ އެވަގުތެވެ. ރިފްއަތުގެ ފޯނަކަށް ވުމާއެކު، އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން ބުނެލި ވާހަކައިން މާކިންއަށް ކީކޭ ހޭ އަހައިލެވުނެވެ.

(ނުނިމޭ)