ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެ ކަނބަލުން "ފުޑް އެންޑް ބެވަރޭޖަސް ޝޯ 2022" އަށް ޒިޔާރަތްކުރައްވައިފިއެވެ.

ތަފާތު ގިނަ ކުންފުނިތަކުގެ އުފެއްދުންތަކާއެކު ފަށާފައިވާ ފުޑް އެންޑް ބެވަރެޖަސް ޝޯގެ ފަސްވަނަ އެޑިޝަނަށް ރައީސް ޞާލިހު ޒިޔާރަތްކުރެއްވީ މިރޭއެވެ.

އެމަނިކުފާނުގެ ދެކަނބަލުން އެ މައުރަޒަށް ވަޑައިގެން ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ބައެއްތަކެތި ބައްލަވައިގަނެފައެވެ. އަދި ބައެއް ސްޓޯލުގެ ތަކެތީގެ ރަހަ ބައްލަވާލައްވައިފައިވެއެވެ.

މީގެއިތުރުން ހުކުރު ދުވަހުގެ ރޭ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ މައުރަޒަށް ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނު ވެސް ވަނީ އެ މައުރަޒުން ތަކެތި ބައްލަވައިގެންފައެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ އެ މައުރަޒު މިފަހަރު ކުރިއަށް ދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެ ޝޯގައި ޖުމްލަ 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޮތް ހަފްލާއެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމެވެ.

ނައިބު ރައީސް ފައިސަލް ނަސީމް "ފުޑް އެންޑް ބެވަރޭޖަސް ޝޯ 2022" އަށް ކުރެއްވުމުގެ ތެރެއިން --- ފޮޓޯ / ރައީސް އޮފީސް

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ކާބޯތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކަކީ ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގަޔާއި، ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

ހައިރައިސްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މަރިޔަމް މާއިޝާ ވިދާޅުވީ މި އެގްޒިބިޝަން ބޭއްވުމުގެ މަގުސަދަކީ ކެއިން ބުއިމުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލާނެ ފުރުސަތެއް ދިނުން ކަމަށެވެ.

"މިފަހަރު ވެސް އަޅުގަނޑުމެން ވަރަށް އުންމީދުކުރަން ވިޔަފާރިވެރިން އަދި އާންމުންގެ ތަރުހީބު މި ކަމަށް ލިބޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.