05 Jun 2022, 09:55
މެންޗެސްޓާ ޔުނައިޓެޑުން ތަށި ހޯދައި އެ ޓީމު ނިސްބަތްވާ ހިސާބަށް އަދި ދާނެކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ރޮނާލްޑޯ ބުނީ އެ ޓީމުން މެޗުތައް ކާމިޔާބު ކުރަން ކެނޑިނޭޅި މަސައްކަތްކުރާކަމަށެވެ. އެހެންކަމުން އެ ޓީމަށް މުބާރާތްތައް ކާމިބުވާނެކަމަށް ޤަބޫލުކުރާކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ އެ ޓީމު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވީ ނަމަވެސް އެ ޓީމުގެ ސަޕޯޓަރުން ޓީމާއެކު ތިބުމުން އިތުރު ހިތްވަރެއް ލިބޭކަމަށެވެ.
"ސަޕޯޓަރުންނަކީ އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮންނަ ބައެއް. އަހަރެމެން އެންމެން ވެސް އިޙްތިރާމް ކުރަން ޖެހޭ ކަމެއް އެއީ އަބަދުވެސް އަހަރެމެންގެ ސަފުގައި ތިބޭތީ،" ރޮނާލްޑޯ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ، 19 ފަހަރު އެ ލީގު ކުޅެފައިވާ ރޮނާލްޑޯ އަންނަ ސީޒަނުގައި ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގުން ނުފެންނާނެތީވެ މީޑިއާ ރިޕޯޓުތައް ބުނަނީ އޭނާ އަނބުރައި ރެއާލް މެޑްރިޑާ ގުޅުން ގާތްކަމަށެވެ.
އެހެންނަމަވެސް އޭނާ ބުނީ އޭނާ ޔުނައިޓެޑުގައި ހުރީ ވަރަށް އުފަލުންކަމަށެވެ. އެހެންކަމުން ޓީމު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
ދުނިޔޭގައި މީހުން ދަންނަ ފުޓުބޯޅަ ކުޅުންތެރިއަކަށް ހަދައި އޭނާގެ ކުރިއެރުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދިން ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑްކަމަަށް ރޮނާލްޑޯ ފާހަގަކުރެއެވެ. އޭނާ ބުނީ އެ ކުލަބަށް އަލުން އަނބުރާ އާދެވުމުން އުފާކުރާކަމަށެވެ.
"އަހަރެން އަނެއްކާވެސް އެނބުރި އާދެވުމުން ހީވެސް ނުކުރާފަދަ އިހުސާސެއް ކުރެވުނީ. ސަޕޯޓަރުންނަށް ވެސް ކުރެވުނީ ވަރަށް އުފާވެރި އިހްސާސްތަކެއް. އެމީހުންގެ އުފާވެރިކަން ވަރަށް ބޮޑު،" ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު އެރިކް ޓެން ހެގް އާ ބެހޭގޮތުން ރޮނާލްޑޯ ބުނީ އޭނާ އަކީ މޮޅު ކޯޗެއް ކަމަށެވެ.
"ޓެން ހެގް އެއީ އެޖެކްސް އާއެކު ރަނގަޅު ކުޅުމެއް ދައްކާފައި. އޭނާ އަކީ މޮޅު ކޯޗެއް. ޓީމަކަށް ކޯޗު ކޮށްދިނުމުގައި ތަޖުރިބާ ވެސް ހުރި މީހެެއް. އަހަރުމެން އޭނާއަށް ވަގުތު ދޭންޖެހޭ،" ރޮނާލްޑޯ ބުންޏެވެ.