ފާއިތުވެދިޔަ އަހަރު އީގަލްސް އަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްރަފް ލުތުފީ (ސަމްޕަތު) މި އަހަރު ވެލެންސިއާ އަށް ކުޅެން ނުކުމެއްޖެ އެވެ.
މިއިން ޒަމާނަކު ބަލިކަށިވެފައިނުވާ ވަރަށް ނިކަމެތިވެފައިވާ ވެލެންސިއާ އަށް ކުޅެން ސަމްޕަތު ނިކުތުމުން އޭނާ ވެފައިވަނީ އެ ޓީމުގައި ހުރި ގައުމީ ޓީމަށް ވެސް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އަށެވެ.
ކުރިން ވެސް ތިން އަހަރަކު ވެލެންސިއާ އަށް ކުޅުނު ސަމްޕަތު އަލުން ޓީމާ ގުޅުމުން ވެލެންސިއާގެ ކޯޗިން ސްޓާފުން ބުނީ "ވެލެންސިއާ އޮތް ހާލަތުން ސަމްޕަތަކީ ލިބުނު ވަރަށް މުހިންމު ކުޅުންތެރިއެއް. މިތިބަ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބޭނެ އޭނާ ކަހަލަ ތަޖުރިބާކާރު މީހަކު ހުރުމުން،" ކަމަށެވެ.
ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިގްބާލްގެ ބެލުމުގެ ދަށުން ފަރިތަކުރަމުން އަންނަ ވެލެންސިއާ ޓީމުގައި ނަގާކިޔަން މި އަހަރުތިބީ 21 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންނެވެ.
މެނޭޖްމަންޓުގެ ގިނަ މައްސަލަތަކަކާހުރެ ބަލިކަށިވެފައިވާ ވެލެންސިއާ ދޫކޮށް ދިޔަ އެންމެ މުހިންމު ކުޅުންތެރިއަކީ ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްގަނީ އެވެ. އޭނާއާ އެކު އަހުމަރު ރިލުވާން އާއި ޔޫސުފް ރަމީޒް އީގަލްސް އަށް ދިޔައިރު އަހުމަދު ފައްރާހު ނިއު އަށް، އަސަދުﷲ އަބުދުﷲ މާޒިޔާ އަށް އަދި ރިލުވާން ވަހީދު (ކަކާ) ބަދަލުވީ ވިކްޓަރީ އަށެވެ.