މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައިި މި އަހަރުގެ މިހާތަނަށް ޖުމްލަ 706،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 99,614 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ޖުމްލަ އަދަދުގެ 14.1 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން 88,043 ފަތުރުވެރިން އައިސްފައިވެއެވެ. އެގައުމުން ހިއްސާކުރަނީ ޖުމްލަ އަދަދުގެ 12.5 އިންސައްތައެވެ.

އަހަރު ފެށުނު އިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާ، 9.5 އިންސައްތަ ހިއްސާއާއެކު މިހާރު އޮތީ ތިންވަނައިގައެވެ. އެ ގައުމުން 67,088 ފަތުރުވެރިން ރާއްޖެއަށް އައެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 4،648 ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް 8.7 ދުވަހު އެ މީހުން ރާއްޖޭގައި މަޑުކުރެއެވެ.

މިދިޔަ މެއި މަހު ރާއްޖެއަށް ވަނީ 125،522 ފަތުރުވެރިން އައިސްފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވެސް މެއި މަހު އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރުގެ މެއި މަހު ރާއްޖެއަށް އައީ 103،022 ފަތުރުވެރިންނެވެ.