މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގައި މަސައްކަތްކުރުމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިންވަނީ އިއުލާނުކޮށްފައެވެ.

މި މަސައްކަތަށް އަތޮޅުތަކަށް 1،991 ބޭނުންވެއެވެ. މާލެ ސަރަހައްދަށް ބޭނުންވަނީ 2،409 މީހުންނެވެ. މި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 7-11 ދުވަހަަށް 10 ރުފިޔާގެ އިތުރު އެލަވަންސެއްވެސް ދޭނެއެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

ހުރިހާ އެލަވަންސެއްވެސް ދޭނީ ބޯހިމެނުމުގެ މަސައްކަތް ނިމުމުންނެވެ. ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30އަށް ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން ނިންމާފައިވާކަން އިއުލާނު ކޮށްފައި ވަނީ މިދިޔަ އަހަރުއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ، އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.