04 Jun 2022, 12:37
ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް ބަލައިލުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ފްލެޓުތައް ބަލއިލުމަށް ޝައުގުވެރިވާ މީހުން ރަޖިސްޓްރީވުމަށް ފޯމެއް ފުރިހަމަ ކުރަންޖެހެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން ހިންގި މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1344 އެޕާޓްމެންޓް ހިމެނޭގޮތަށް 10 ޓަވަރު އިމާރާތްކުރެވިފައިވެއެވެ.
މި މަޝްރޫޢުގައި ހިމެނެނީ ދެ ވައްތަރެއްގެ އެޕާޓްމެންޓެވެ.
މެރީނާ ވިއު، އިނާ ވިއު އަދި އައުޓާވިއު އެޕާޓްމެންޓް:
- 902 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ބެލްކަނި
ސްޓެންޑާޑް ވިއު އެޕާޓްމެންޓް:
- 883 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ބެލްކަނި
ސެކަންޑް ފްލޯ ޓައިޕް 1(މެރީނާ އައުޓްޑޯ) އެޕާޓްމަންޓް:
- 1395.64 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ބެލްކަންޏެއްގެ އިތުރުން ޓެރެސްއެއް
ސެކަންޑް ފްލޯ ޓައިޕް 1(އިނާ ސެކަންޑްފްލޯ) އެޕާޓްމަންޓް:
- 1312.65 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ޓެރެސް
ސެކަންޑް ފްލޯ ޓައިޕް 2(އިނާ ސެކްނޑްފްލޯ) އެޕާޓްމަންޓް:
- 1234.83 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ބެލްކަންޏެއްގެ އިތުރުން ޓެރެސްއެއް
ސެކަންޑް ފްލޯ ޓައިޕް 1( ސްޓޭންޑާޑް) އެޕާޓްމަންޓް:
- 1216.21 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ޓެރެސް
ސްކަންޑް ފްލޯ ޓައިޕް 2(ސްޓޭންޑާޑް) އެޕާޓްމަންޓް:
- 1334.83 އަކަފޫޓު
- ތިން ކޮޓަރި، ތިން ފާޚަނާ އަދި ޓެރެސް
- ޕާކިން
- ސެކިއުރިޓީ
- ސީސީޓީވީ
- ފަޔާ އެންޑް ސޭފްޓީ
- ގާބޭޖް ޝޫޓް
- ކޮންމެ ޓަވަރަކަށް ހަތަރު ލިފްޓް
މި މަޝްރޫޢުގެ ތިރީ ދެ ފަންގިފިލާ ޚާއްސަ ކޮށްފައި ވަނީ ކޮމާޝަލް ޖާގައަށެވެ. އެ ކޮމާޝަލް ޖާގަތަކުގައި އޮފީސް ޖާގަ އާއި އޭޓިމާއި ކެފޭ، ރެސްޓައުރަންޓްގެ އިތުރުން ރީޓެއިލް ފިހާރަތަކަށް ޖާގަ ޚާއްސަ ކޮށްފައިވެއެވެ.
މީގެ އިތުރުން ޑިމާންޑަށް ބެލުމަށްފަހު އިތުރު ޚިދުމަތްތަކެއް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުރިހާ އެޕާޓްމަންޓްތަކެއްގައި މިހާރު ވަނީ ތަށިމުށި ޖަހާފައެވެ. ލިވިން ރޫމް އަދި ކޮޓަރިތަކުގައި ވަނީ އޭސީ ވެސް ހަރުކޮށްފައެވެ. ބަދިގެ ކައުންޓަރާއި ކަބަޑު ސެޓުވެސް ވަނީ ހަރުކޮށްފައެވެ. އަދި ފާޚަނާތަކުގައި ހަރުކުރަންޖެހޭ ތަކެތި ވަނީ ހަރުކޮށްފައެވެ. ބެލްކަނި ހުރީ ދޮންނަ މެޝިން ބެހެއްޓޭނެގޮތަށް ތައްޔާރުކޮށްފައެވެ. ނަމަވެސް އެޕާޓްމެންޓްތައް ހަވާލުކުރާނީ ފަރުނީޗަރާ ނުލައި ކަމަށް އެޗްޑީސީން ބުންޏެވެ.
މި ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އޮވެއެވެ.
ފުރަތަމަ ގޮތް:
އެޕާޓްމަންޓްގެ އަގުގެ 15 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުން. އެއަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުން. ފައިސާ ދެއްކުން 20 އަހަރަށް ބަހާލުމުން ނުވަ ޕަސެންޓްގެ ފައިދާ އެޗްޑީސީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ދެވަނަ ގޮތް:
އެޕާޓްމެންޓްގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެއް މަތީ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުން. މިގޮތަށް ފައިސާ ދެއްކުމުން ވެސް ނުވަ ޕަސެންޓްގެ ފައިދާއެއް އެޗްޑީސީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
އެޗްޑީސީން ބުނީ އެ ދެ އޮޕަޝަންގައިވެސް އެޕާޓްމަންޓްގެ ޑައުންޕޭމެންޓް އެއްފަހަރާ ނުވަތަ މަޝްރޫޢު ނިމޭ ތާރީޚާ ހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ.
އެޕާޓްމެންޓްގެ މަހުކުލި ދައްކަންޖެހޭނީ އެޗްޑީސީން ނިންމާފައިވާ ގޮތުގެ މަތިން މަޝްރޫޢު ނިމި އެޕާޓްމަންޓާ ހަވާލުވާން ފަށާ ތާރީޚުން ފެށިގެންނެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ނިމޭއިރު ފަސޭހަކަމާއެކު ގިނަ ޚިދުމަތްތަކެއް އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެހެނިހެން މަޝްރޫޢުތައް ވެސް ފެށުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔޮޓު މެރީނާ، ޓުއަރިޒަމް އައިލެންޑް، ހެރިޓޭޖް އައިލެންޑްގެ އިތުރުން ބޮޓޭނިކަލް ގާޑެންއެއް ތަރައްގީކުރަން ނިންމާފައިވެއެވެ.