04 Jun 2022, 10:26
ކިޔޭވް (4 ޖޫން 2022): ރަޝިޔާއިން ޔޫކްރޭންގެ އިރުމައްޗާއި އިރުދެކުނު ހިމެނޭގޮތަށް ޔުކްރޭންގެ ބިމުގެ 20 އިންސައްތަ ހިފާފައިވާކަމަށާ ހަނގުރާމައިގާ ކުރިޔަށްއޮތީ ދަތި އުނދަނގޫ ދުވަސްތަކެއްކަމަށް ޔޫކްރޭންގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުގެ އިރުމަތީ ސަރަހައްދެއްކަމަށްވާ ދޮންބާސްގައި ރަޝިއާ ސިފައިން ކުރިއަރަމުން އަންނައިރު ޔޫކްރޭންގެ ސިފައިން ފަހަތަށް ޖެހެން ޖެހިފައިވާކަމަށާ ޔޫކްރޭންގެ ސިފައިންނަށް ކުރިމަތިވެފައިވަނީ ނުރައްކާތެރި އަދި އުނދަގޫ ހާލަތެއް ކަމުގައެވެ.
އެމެރިކާއިން ބާރުގަދަ ހަތިޔާރު ދޭނެކަމުގެ ޔަގީންކަން ލިބިފައިވިޔަސް ރަޝިއާ ސިފައިންގެ ކުރިއެރުން ހުއްޓުވުމަކީ ފަސޭހަ ކަމެއްނޫން ކަމަށް ޒެލެންސްކީ އެއްބަސްވެ ވަޑައިގެންނެވިއެވެ.
ރަޝިއާއިން ހިފާފައިވާ ޔޫކްރޭންގެ އިރުމައްޗާއި އިރުދެކުނުގެ ސަރަހައްދުތަކަކީ ޔޫކްރޭންގައި ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ސަރަހައްދުތަކެވެ. ޔޫކްރޭންގެ ދަނޑުވެރިކަމުގެ ބައެއް ސަރަހައްދުތައްވެސް މިތަންތަނުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ޔޫކްރޭންގެ ދަނޑުވެރިކަމުގެ އެންމެ މުހިއްމު ސަރަހައްދުތައް އޮންނަނީ އެގައުމުގެ މެދުތެރެއާއި ދެކުނުގައެވެ.
ރަޝިއާއިން މިހާރުވަނީ ރަޝިއާ ކޮންޓްރޯލް ކުރާ ޔޫކްރޭން ގެ ސަރަހައްދުތަކާއި ރަޝިއާއާ ދެމެދު އެއްގަމުން ދަތުރު ކުރެވޭގޮތަށް އެސަރަހައްދުގެ މަގުތައްވެސް ހުޅުވާލާފައެވެ. ޔޫކްރޭންގައި ހަރަކާތްތެރިވާ ރަޝިއާ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި ކާބޯތަކެއްޗާއި އެނޫންވެސް ސާމާނު ރަޝިއާއިން ގެނައުމުގެ ލޮޖިސްޓިކް ހަރަކާތްތައް އެމަގުތައް ބޭނުންކޮށްގެން މިހާރުވަނީ ފަށާފައެވެ.
ޔޫކްރޭންގެ ދިފާއީ ވުޒާރާ ބުނާގޮތުން ރަޝިއާ ސިފައިން މިހާރު ގެންދަނީ ދިގުމުއްދަތަކަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ރަޝިއާ ކޮންޓްރޯލްކުރާ ޔޫކްރޭންގެ ސަރަހައްދުތަކުގައި ގާއިމް ކުރަމުންނެވެ. މީގެތެރޭގައި ހަތިޔާރުގެ ބަންކަރުތަކާއި ސިފައިން ތިބޭނެ ތަންތަނާއި ކާބޯތަކެތި ރައްކާކުރާނެތަންތަނާއި ވޯޯކްޝޮޕްތަކާއި ފީލްޑް ހޮސްޕިޓަލްތައް ގާއިމް ކުރުންފަދަ ކަންކަން ހިމެނެއެވެ.
ރަޝިއާވަނީ ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ޔޫކްރޭންގެ މެރިއަޕޯލްގެ ބަނދަރާއި ރަޝިއާގެ ކަނޑުގެ ބަނދަރުތަކާ ދެމެދު ކަނޑުގެ ދަތުރުތައްވެސް ފަށާފައެވެ.
އެމެރިކާއިން ޔޫކްރޭންއަށް ބާރުގަދަ ހަތިޔާރު ދިނުމަށް ފަސްޖެހުމަށްފަހުވެސް ކޮންގްރެސްގެ ފިއްތުންތަކާއެކު ރައީސް ޖޯބައިޑެން ވަނީ ދުރުރާސްތާގެ ބައެއް މިސައިލްއާއި އެނޫންވެސް ބާރުގަދަ ހަތިޔާރު ޔޫކްރޭންއަށް ދިނުމަށް ނިންމަވާފައެވެ. ނަމަވެސް ވައިޓް ހައުސް ބުނާގޮތުން ބާރުގަދަ ހަތިޔާރު ޔޫކްރޭންއަށް ދޭން ބައިޑެން ނިންމެވީ އެހަތިޔާރު ބޭނުންކޮށް ސީދާ ރަޝިއާގެ އެއްވެސް ތަނަކަށް ހަމަލާނުދިނުން ޝަރުތުކޮށްފައެވެ.
އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ޔޫކްރޭން އިން ސީދާ ރަޝިއާގެ ސަރަހައްދަކަށް ހަމަލާ ދީފިނަމަ އެކަމަށް ބަދަލުހިފުމުގެ ގޮތުން ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރަޝިއާއިން ހަމަލާ ދީފާނެކަމުގެ ބިރު އެެމެރިކާ އިހުސާސް ކުރެއެވެ. މިހެންވެއްޖެނަމަ އެމެރިކާއާއި ރަޝިއާއާ ދެމެދު ކުރިމަތިލުމެއް ފެށިދާނެކަމުގެ ބިރު އެމެރިކާ އިހްސާސް ކުރެއެވެ.
ރަޝިއާއަކީ އެމެރިކާއަށްވެސް ހަމަލާދެވޭފަދަ ބާރުގަދަ ހަތިޔާރު ހުރި ގައުމެކެވެ. މިފަދަ ބާރުގަދަ ހަތިޔާރު ޔޫކްރޭންގައި ރަޝިއާ އަދި ބޭނުމެއް ނުކުރެއެވެ. އެމެރިކާ ބުނާގޮތުން ބާރުގަދަ ހަތިޔާރު ޔޫކްރޭން އަށް ދެނީ ޔޫކްރޭންގެ އެތެރޭގައި ހަރަކާތްތެރިވާ ރަޝިއާގެ ފައުޖުތަކަށް ހަމަލާދިނުމަށެވެ. ރަޝިއާގެ ސަރަހައްދުތަކަށް ހަމަލާދޭކަށް ނޫނެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުން އެމެރިކާއިން ޔޫކްރޭން އަށް ބާރުގަދަ ހަތިޔާރު ދިނުމަކީ ޔޫކްރެއިން ހަނގުރާމަ އިތުރަށް ދިގުލައިގެންދާނެ ކަމެކެވެ. އެމެރިކާ ބާރުގަދަ ހަތިޔާރު ޔޫކްރޭންއަށް ދޭ ވަރަކަށް ރަޝިއާވެސް ރައްދުގައި ޔޫކްރޭން އާ ދެކޮޅަށް ބާރުގަދަ ހަތިޔާރު ބޭނުންކުރާނެކަމަށް ރަޝިއާގެ ޖެނެރަލަކުވަނީ ވިދާޅުވެފައެވެ.
ރަޝިއާގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ވަނީ ޔޫކްރޭންގައި ރަޝިޔާ ހާސިލްކުރަން ބޭނުންވާ އަސްކަރީ އަދި ޖިއޮޕޮލިޓިކަލް ލަނޑުދަނޑިތައް ހާސިލް ކުރުމަށްފަހުގައި ނޫނީ ހަނގުރާމަ ހުއްޓާނުލާނެކަމަށް ވިދާޅުވެފައެވެ. އެމެރިކާ ބާރުގަދަ ހަތިޔާރު ޔޫކްރޭން އަށް ދިނުމަކީ ޔޫކްރޭން ގައި ރަޝިއާ ކުޑަކޮށްވެސް ފަހަތަށް ޖެހޭނެކަމެއް ނޫންކަމަށް މިޑްވެޑޭވް ވިދާޅުވިއެވެ.