"މައިމީހާ, ބައްޕަ, ނުވަތަ ބެލެނިވެރިއަކަށް ވަރަށް ހިތްދަތި ކުރުވާ މަންޒަރުތަކެއް އެ މުއްދަތުގެ ތެރޭގައި ފެންނާނީ," މިއީ އުމުރުން އެންމެ އަށް އަހަރުގެ ލައިހާ މުޙައްމަދުގެ ބައްޕަ މުޙައްމަދު ޖަމްޝީދު، އޭނާގެ ދެލޯފަދަ ދަރިފުޅަށް ކީމޯ ތެރަޕީ ދެމުން ދިޔައިރު، އެ މުއްދަތު ސިފަކޮށްފައިވާ ގޮތެވެ.

ލައިހާއަށް ލޭގެ ކެންސަރު ޖެހި މިއަދާ ހަމައަށް އެބަލިން ފަސޭހަ ވުމަށް ކުރަންޖެހުނު މަސައްކަތާއި ކުރިމަތިލާންޖެހުނު ހުރަސްތަކާއި ދަތިތަކާއި، ކުޑަކުޑަ ލައިހާގެ ވޭންތަކުގެ އިތުރުން ނުގުޑާ އަޒުމެއްގައި ކުރި މަސައްކަތް ޖަމްޝީދު ވަނީ 'ސަން' އާ ހިއްސާކޮށްފައެވެ.

އޭރު ލައިހާ ކިޔަވަމުން ދިޔައީ އަމީނިއްޔާ ސްކޫލް ގްރޭޑް ތިނެއްގައެވެ. ލައިހާގެ ބައްޕަ ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ ފެނުނު އަލާމާތަކީ ހުން އައުމާއި ވަރުބަލިވުމެވެ. ސްކޫލުގެ އެކި ކަންކަމުގައި އުޅޭ ވަގުތުތަކާއި ގޭތެރޭގައި އުޅޭ އުޅުމުގައިވެސް އޭނާގެ ދަރިފުޅު އަބަދުވެސް ވަރުބަލިވެގެން އުޅޭ ކަމަށް ޖަމްޝީދު ކިޔައިދިނެވެ.

ހުމަށް ބޭސް ދިނުމާއެކު ހުން މަޑުވެއެވެ. ނަމަވެސް ހަތަރު ވަރަކަށް ގަޑިއިރަށް ފަހު އަނެއްކާވެސް ހުން އާދެއެވެ. އެގޮތުގައި މަހެއް ވަރު ހޭދަވުމާއެކު ޑޮކްޓަރެއްގެ ލަފާ ޖަމްޝީދުގެ ދެމަފިރިން ހޯދިއެވެ. ޓެސްޓުތައް ހެދުމަށްފަހު ދަރިފުޅަށް ދިނީ އެންޓިބަޔޮޓިކްތަކެއް ކަމަށް އޭނާ ކިޔައިދިނެވެ.

އެގޮތުގައި ތިން ހަތަރު މަސް ފާއިތުވިއެވެ. ދިމާވެފައިވާ ހާލަތަކަށް ކުޑަވެސް ބަދަލެއް ނައެވެ. ދަރިފުޅުގެ ހާލާ މެދު އިންތިހާއަށް ކަންބޮޑުވުމާއެކު އެދެމަފިރިން ނިންމީ އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ. އެ ޑޮކްޓަރު ލަފާދިނީ ދަރިފުޅާއެކު ރާއްޖެއިން ބޭރަށް ގޮސް، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކާށެވެ. އެ ޑޮކްޓަރުގެ ލަފާގެ މަތިން ދަރިފުޅާއެކު އެދެމަފިރިން ދިޔައީ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދައްކައި ގިނަ ޓެސްޓުތަކެއް ހެދުމަށް ފަހު ދިން ޚަބަރަކީ މުޅި އާއިލާއަށް ސިހުން ގެނުވި ޚަބަރެކެވެ. އިވުނު ޚަބަރަކީ އާއިލާގެ އެއްވެސް މީހަކު އަޑުއަހަން ތައްޔާރަށް ތިބި ފަދަ ޚަބަރެއް ނޫނެވެ. ޖަމްޝީދުގެ ދެމަފިރިންގެ ދެލޯފަދަ ދަރިފުޅުގެ ލޭގެ 85 އިންސައްތައަށް ކެންސަރު ޖެހިފައިވާ ޚަބަރު އެ ދެމަފިރިން އަޑުއެހީ އެވާހަކަ ގަބޫލުކުރަން ނުކުޅެދިފައިވާ ހާލުއެވެ.

ލައިހާ ކެންސަރު ބައްޔަށް ފަރުވާ ހޯދަނީ

"އަޅުގަނޑުމެން އަސްލު އަމްރިތާއަށް ދިޔަ ހިސާބުން ވެސް އަދި އެ ޓެސްޓުތައް ހެދުމާ ހިސާބަށް ވެސް އަދި ނަތީޖާ ލިބުމާ ހަމައަށް ވެސް ހިތަށް ވެސް ނާރާ މިކަހަލަ ޚަބަރެއް ލިބިދާނެއެކޭ،" ޖަމްޝީދު އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

މިއީ އެއްވެސް މަޔަކަށް، ބަފަޔަކަށް ނުވަތަ ބެލެނިވެރިއަކަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ތިމާގެ ދަރިފުޅު ކެންސަރުފަދަ ނުރައްކާތެރި ބައްޔެއްގެ ޝިކާރަކަށް ވެފައިވާކަން އެނގުމުން ހިތަށް އަރާނެ ޖަޒުބާތުތަކަކީ އަނގަބަހުން ކިޔައިދީގެން ނުވަތަ ލިޔެގެން އަނެކާއަށް އަންގައިދެވިދާނެ އިހުސާސްތަކެއް ނޫނެވެ.

ގައިމު ބިރުވެސް ގަންނާނެތާއެވެ. ނަމަވެސް އެހާ ހިސާބުން ވެސް އެންމެ ވަގުތުކޮޅަކަށް ވެސް އެދެމަފިރިން ހިތްވަރު ދުލެއްނުކުރެއެވެ. އެ ޚަބަރާއެކު އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން އެ ދެމަފިރިންނާ ބައްދަލުކޮށް ހިތްވަރު ދިނެވެ. އަދި ރަނގަޅު ފަރުވާ ދެވިއްޖެނަމަ ދަރިފުޅު މުޅިން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ. އަދި ހަމަ އެވަގުތުން ފެށިގެން ލައިހާއަށް ފަރުވާ ކުރުމުގެ މަސައްކަތް ފެށިއެވެ.

ޖަމްޝީދުގެ އާއިލާ އިންޑިއާއަށް ދިޔައީ އެފަދަ ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފަޔާ އިރުޝާދާއި ދިން ހިތްވަރުގެ ސަބަބުން ދަރިފުޅު ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެދެމަފިރިން އަތުކުރި އޮޅާލީ ނުގުޑާ އަޒުމެއްގައެވެ. އެދެމަފިރިން ދައްކުވައިދިނީ ދަރިއަކަށްޓަކައި މައިންބަފައިން ކޮންމެ ކަމަކާއި ވެސް ކެރިގެން ކުރިމަތިލާނެ ކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

ޖަމްޝީދު ކިޔައިދިން ގޮތުގައި ކީމޯ ތެރަޕީގެ ވޭނަށް ދަރިފުޅު ނަފްސާނީ ގޮތުން ތައްޔާރު ކުރުމަށް ހަތަރު ވަރަކަށް ހަފްތާ ހޭދަވިއެވެ. ލައިހާ ފަދަ ކުޑަކުއްޖަކު އެފަދަ ބޮޑު ކަމަކަށް ތައްޔާރު ކުރުމަށް ބޭނުންވީ އެންމެ ހަތަރު ހަފްތާއެވެ. ލައިހާ އެ މުއްދަތުގައި އެ ކުރި ހިތްވަރަކީ ވެސް ތައުރީފު ހައްގު ހިތްވަރެކެވެ. އެ މުއްދަތުގެ ތެރޭގައި އެ އާއިލާއަށް އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ދިން އެއްބާރުލުމާއި އެ ދިން ހިތްވަރު ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ޖަމްޝީދު ކިޔައިދިނެވެ.

އަނެއްކާވެސް އެތައް ޓެސްޓުތަކެއް ހެދުމަށްފަހު ލައިހާއަށް ކީމޯ ދޭން ފެށިއެވެ. އެ ފަރުވާއަށް ފަހު ލައިހާއަށް ހޮޑުލެވުމާއި، ރުޅިގަދަވުން އަދި ގައިގައި ރިއްސުމާއި ނިދަން އުނދަގޫވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުނެވެ. ލައިހާގެ އެ ތަކުލީފުތައް އެންމެ ކައިރިން ދުށް ޖަމްޝީދު ކިޔައިދިންގޮތުގައި ކީމޯއަކީ މުޅި މީހާ ބަދަލު ކޮށްލާ، ވަރަށް ވޭން އަޅާ ފަރުވާއެކެވެ.

"ކީމޯގެ ސަބަބުން މީހާގެ މުޅި ހަށިގަނޑު ބަދަލު ކޮށްލާ. އަދި އޭނައަށް ވަރަށް ބޮޑެތި އަސަރު ކުރުވާ."

ޖަމްޝީދު އޭނާގެ ދަރިފުޅާއެކު

ލައިހާއަށް 10 މަސްދުވަސް ވަންދެން ކީމޯ ތެރަޕީ ދިނެވެ. އެ މުއްދަތުގައި އިތުރު އެހެން މައްސަލަތައް ދިމާވެ ކީމޯ ތެރަޕީގެ ބައެއް ސެޝަންތައް ލަސްކުރަން ވެސް ޖެހުނެވެ. އެގޮތުން ބަނޑުގައި ރިއްސުމާއި މޭގައި ރިއްސުން ފަދަ ކަންކަމާ ކުރިމަތި ވުމާއެކު ކުރިއަށް ހުރި ސެޝަންތައް ލަސްވެ، އެކަމުގައި އުޅެންޖެހުނު ދުވަސްތައް ގިނަވިއެވެ.

އެ ވޭނުގައި ލައިހާ އުޅުނު އިރު ބައެއް ފަހަރު ލޭ އަޅަން ވެސް ޖެހުނެވެ. އެ ހުރިހާ ވަގުތުތަކެއްގައި ވެސް ޖަމްޝީދުގެ ދެމަފިރިން ތިބީ ދަރިފުޅާއެކުގައެވެ. ދަރިފުޅު އަޅަމުންދާ ވޭންތައް ލުއި ކޮށްދެވޭނެ އެއްވެސް ކަމެއް އޮތް ނަމަ ވަގުތުން އެކަމެއް ކުރަން ތައްޔާރަށެވެ. ޖަމްޝީދު ކިޔައިދިން ގޮތުގައި ބައެއްފަހަރު ފަރުވާ ހޯދަމުންދާ އެހެން ދިވެހީން ލޯ ކުރިމަތީގައި ނިޔާވެގެން ދާއިރު މާޔޫސްވެ ހިތްވަރު އެލޭފަހަރު އާދެއެވެ. ނަމަވެސް ޑޮކްޓަރުންގެ ފަރާތުން އެހުރިހާ ވަގުތުތަކެއްގައި ވެސް ލިބުނު އެހީތެރިކަމުގެ ސަބަބުން ހަމަޖެހުން ލިބުނު ކަމަށް އޭނާ ކިޔައިދިނެވެ.

ދިހަ މަސްދުވަހު އެ ވޭން ތަހައްމަލު ކުރުމަށްފަހު ލައިހާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. މެއިންޓެނެންސް ޕީރިއަޑުގައި ހުރި ލައިހާއަށް ކިޔެވުމުން ދޮޅު އަހަރު ގެއްލިފައި ވީނަމަވެސް ޖަމްޝީދުގެ ދެމަފިރިން އަންނަނީ ކިޔެވުމުގައި ވެސް ލައިހާއަށް ވެވެން ހުރި ހުރިހާ އެހީއެއް ވަމުންނެވެ.

ޖަމްޝީދު ފާހަގަކުރި ގޮތުގައި މިހާރުވެސް ލައިހާގެ ހާލަތު ގާތުން ބަލަން ޖެހެއެވެ. އަދި ލައިހާގެ ކެއުމާއި މީހުން ގިނަ ތަންތަނަށް ދިއުމުގައި ރައްކާތެރިވާންޖެހޭ އެތައް ކަމެއް ހުރެއެވެ. އެހުރިހާ ކަމަކަށް ވެސް އެދެމަފިރިން އަންނަނީ ސަމާލުވަމުންނެވެ.

އެދެމަފިރިންގެ އިތުރުން އެ މުއްދަތުގައި ކުޑަކުޑަ ލައިހާ ދައްކުވައިދީފައިވާ ހިތްވަރަކީ މިއަދު ލައިހާގެ ހާލު ރަނގަޅުވުމަށް ލިބުނު އެންމެ ބޮޑު ބާރެވެ. އަދިވެސް ހަދަންޖެހޭ ޓެސްޓުތަކެއް ހުރިއިރު އެ އާއިލާގެ އުއްމީދަކީ އެ ޓެސްޓުތަކުގެ ނަތީޖާ ވެސް އުފާވެރި ޚަބަރުތަކެއްގެ ގޮތުގައި އައުމެވެ. އަދި ލައިހާ އަކީ މުޅިން 'ކެންސަރ ފްރީ' ކުއްޖަކަށްވުމެވެ. އާއިލާއިން އެދުވަހުވީ ކެތްތެރިކަމުގެ ފޮނިކަން މިއަދު އެ އާއިލާއަށް އެދަނީ ލިބެމުންނެވެ.