04 Jun 2022, 09:08
ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ މެދުވެރިކޮށް، އިންސާނެއްގެ ސެލްތައް ބޭނުންކޮށްގެން ކަންފަތެއް ހަދައި، އެ ކަންފަތް މީހަކަށް ބޭނުން ކުރެވޭ ގޮތް ހަދައިފިއެވެ.
ކަންފަތުގެ ބޭރަށް ހުންނަ ބައިގައި އުނި ކަމެއް ހުރި މީހަކަށް، ތްރީޑީ ޕްރިންޓެޑް ކަންފަތެއް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އެމެރިކާގެ ތްރީޑީ ބަޔޯ ތެރަޕިއުޓިކްސް ކިޔާ ކުންފުންޏެކެވެ.
އެ މަސައްކަތަކީ، އިންސާނުންގެ ސެލްތައް ބޭނުންކޮށްގެން، ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ މެދުވެރިކޮށް ގުނަވަންތައް އުފެއްދުމާ ބެހޭ ދިރާސާއެއްގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކަންފަތް ޓްރާންސްޕްލާންޓް ކުރުމަށް ހެދި އޮޕަރޭޝަނުގެ ކާމިޔާބީއަކީ ޓިޝޫ އިންޖިނިއަރިންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނިން ރާވާފައިވާ ގޮތަށް ހުރިހާ ކަމެއް ދާނަމަ، މިއީ އިންގިލާބީ ބަދަލެއް އަންނާނެ ކަމެއް ކަމަށް ވެސް އެ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ޓީމުގެ ރީކޮންސްޓްރަކްޝަން ސާޖަން އަރުތޫރޯ ބޮނީލާ ވިދާޅުވެފައިވެއެވެ.
މިއަހަރަކީ ޓްރާންސްޕްލާންޓް ޓެކްނޮލޮޖީ ދާއިރާގައި ސައިންސުވެރިން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުންދާ އަހަރެކެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ޑޮކްޓަރުން ވަނީ އޫރެއްގެ ހިތަށް ބަދަލުތަކެއް ގެނައުމަށް ފަހު، އެ ހިތް އިންސާނެއްގެ ހަށިގަނޑަށް ލައްވާފައެވެ. އެއީ ފަރުވާ ދީގެން ރަނގަޅު ކުރެވެން ނެތް ހިތުގެ ބައްޔެއް ހުރި، ޑޭވިޑް ބެނެޓް ކިޔާ މީހެކެވެ.
ބެނެޓްއަށް އާ ހިތެއް ލެއްވި ނަމަވެސް އޭނާގެ ހާލު ދެރަވެ، މިދިޔަ މާޗް މަހު އޭނާ ވަނީ މަރުވެފައެވެ.
ސައިންސުވެރިން މިހާރު ދަނީ ތްރީޑީ ޕްރިންޓެޑް ފުއްޕާމެއާއި ތްރީޑީ ޕްރިންޓެޑް ލޭހޮޅިތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.