އުމުރުން ދުވަސްވާ ވަރަކަށް ނުރަ ޖެހުމަކީ އާންމުކަމެކެވެ. އަދި ޒުވާނުންގެ ވެސް އިސްތަށިގަނޑު ނުރަވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.

އިސްތަށިގަނޑު ތުނިވެ، ނުރަވުމަކީ އިސްތަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްތައް ނުލިބުމުން ދިމާވާ މައްސަލައެކެވެ. އިސްތަށިގަނޑަށް ކުލަ ގެނެސްދެނީ މެލަނިން ކިޔާ މާއްދާއަކުންނެވެ.

އިންޑިއާގެ މަޝްހޫރު ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ. އަޕަރްނާ ސަންތާނާ ބުނާގޮތުގައި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ނުލިބުމުގެ ސަބަބުން ޒުވާން އުމުރުގައި އިސްތަށިގަނޑު ނުރަވުމަކީ މިހާރު ގިނަބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ޒުވާން އުމުރުގައި އިސްތަށިގަނޑު ނުރަވުމުން ރައްކާތެރިކޮށްދިނުމަށްޓަކައި ކެއުމުގައި ހިމަނާލަން ޖެހޭ ނިއުޓްރިއެންޓްސްތަކަކީ:

ޕްރޮޓީންސް

އިންސާނާގެ އިސްތަށިގަނޑުގައި ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވިގެންވެއެވެ. ބޮލުގެ ހަންގަނޑާއި އިސްތަށިގަނޑު ދުުޅަހެޔޮ ސިއްޙަތެއްގައި ހެދި ބޮޑުވުމަށްޓަކައި ޕްރޮޓީންއަކީ ނުހަނު ބޭނުންތެރި މާއްދާއެކެވެ. އަހަރެމެންގެ ކެއުމުގައި ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައި ކޮންމެ ދުވަހަކު ޕްރޮޓީން ބޭނުންވެއެވެ. ފްރޮޓީން އެކުލެވޭ ކެެއުންތަކުގެ ތެރޭގައި ބިސް، އަލްމަންޑް އަދި ކަނޑުމަސް ހިމެނެއެވެ.

އޮމެގާ 3 ފެޓީ އެސިޑްސް

އޮމެގާ 3 ފެޓީ އެސިޑްސްއަކީ ހަށިގަނޑަށް ކޮންމެހެންވެސް ބޭނުންވާ މާއްދާތަކެކެވެ. ނަމަވެސް މި މާއްދާތަކަކީ ހަށިގަނޑުން އުފައްދާ މާއްދާތަކެއް ނޫނެވެ. މި މާއްދާތައް ލިބެނީ ބައެއް ބާވަތްތަކުގެ ކާނާއިންނެވެ. އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން އިސްތަށިގަނޑު މަޑުވެ އިސްތަށިގަނޑުގެ ދިގުވާ މިންވަރު އިތުރުކޮށްދެއެެވެ. ކޮންމެ ދުވަހަކު ކެއުމުގައި ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައި ހަށިގަނޑަށް އެންމެ މަދުވެގެން 250 މިލިގްރާމް އޮމެގާ 3 ފެޓީ އެސިޑްސް ލިބޭ ނަމަ އިސްތަށިގަނޑު ނުރަވުން ކުޑަކޮށްދެއެވެ.

އޮމެގާ 3 ފެޓީ އެސިޑްސް އެކުލެވިގެންވާ ކާނާގެ ތެރޭގައި ފްލެކްސް ސީޑްސް، ޗިއާ ސީޑްސް، ވޯލްނަޓްސް އަދި ސޯއި ބީންސް ހިމެނެއެވެ.

ވިޓަމިން ޑީ

ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމުގެ އިތުރުން ވިޓަމިން ޑީ އަކީ އިސްތަށިގަނޑު ވަރުގަދަކަންމަތީ ދަމަހައްޓައިދޭ މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީ ނުލިބޭނަމަ އިސްތަށިގަނޑު ނުރަވުމަށް މެދުވެރި ވެއެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް ޓްރިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ޒުވާން އުމުރުގައި ބޮލުން އިސްތަށި ފޭބުމާއި އިިސްތަށިގަނޑު ނުރަވުމުގެ މައްސަލަ ދިމާވާ މީހުންގެ ހަށިގަނޑުން ވިޓަމިން ޑީ އެކުލެވޭ މިންވަރު ދަށްކަން ފާހަގަވެފައިވެއެވެ. ނަމަވެސް ވިޓަމިން ޑީ ހަށިގަނޑަށް ލިބޭ މިންވަރު މާ ބޮޑަށް އިތުރުވުމަކީ އިސްތަށި ފޭބުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ވިޓަމިން ޑީ ބޭނުން ކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ.