ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލީ އޮޑިޓްތަކުން ފާހަގަވި މެނޭޖެމަންޓުގެ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު ނާޅަން ކަމަށް އެ ޑިޕާޓްމަންޓުގެ ކުރީގެ ޗީފް އޮޑިޓަރު އަޙުމަދު ފަޒީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ޑިޕާޓްމަންޓު އުވާލާއި އެ ޑިޕާޓްމަންޓުގެ ޗީފް އޮޑިޓަރު ވަޒީފާއިން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ޕީއެސްއެމް އިން ބުނީ ވޭތުވެދިޔަ 14 މަސްދުވަސްތެރޭ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ލަނޑުދަނޑިތައް ހާސިލްވެފައި ނުވާ ކަމަށެވެ.

އެ ނިންމުން ނިންމުމަށްފަހު އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ބޯޑުގެ އޮޑިޓް ކޮމިޓީން ރިވިއުކުރުމަށް ފަހު ކުންފުންޏަށް އެންމެ ފައިދާވާނީ ކުންފުނީގެ ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖެއްސުންތޯ ނުވަތަ ކުންފުނިން އެކުލަވާލި އޮޑިޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިއުންތޯ ބަލާފައިވާނެކަމަށް ޕީއެސްއެމްއިން ބުނެއެވެ.

މިކަމާ ގުޅިގެން ފަޒީލް 'ސަން' އަށް ވިދާޅުވީ އެ ޑިޕާޓްމަންޓުން މަސައްކަތް ނުކުރާކަމަށް ބުނެ ޕީއެސްއެމް އިން ހަދާފައިވަނީ ދޮގެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރި ވަރަށް އެއްވެސް އޮޑިޓް ޑިޕާޓްމަންޓަކަށް މަސައްކަތް ކުރެވޭނެ ހެނެއް ހިޔެއް ނުވޭ. 15 މަސް ދުވަހުން ތިރީސް މައްސަލަ ބެލިން. 14 އޮޑިޓް ރިޕޯޓު ހެދިން،" ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ ތައްޔާރު ކުރި 14 ރިޕޯޓުގެ ތެރެއިން 10 ރިޕޯޓު، ޑިރެކްޓަރުންގެ ބޯޑުން ބަލައި، ފާހަގަކުރެވުނު މައްސަލަތުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

"ބޯޑުން ވަނީ އޮޑިޓް ޑިޕާޓްމަންޓުން ބެލި ޚިޔާނާތުގެ މައްސަލަތަކާއި ކުންފުނީގެ ފައިސާއަށް އިހުމާލުވި މައްސަލަތަކުގައި ބައިވެރިވި އެޗްއޯޑީންނަށް ފިޔަވަޅު އަޅަން އަންގާފައި،" ފަޒީލް ވިދާޅުވިއެވެ.

އެހެންކަމުން ޑިޕާޓްމަންޓު އުވާލީ މަސައްކަތް ނުކުރާތީ ކަމަކަށް ނުބުނެވޭނެ ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެކަން ކުރީ ކުންފުނީގައި ތިބި އެ މައްސަލަތައް ބަލަން ބޭނުން ނުވާ، މީހުންގެ ނުފޫޒުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް މާ ބާރަށް ދާތީ އެކަން ހުއްޓުވަން ވެސް މަސައްކަތް ކުރި. އެގޮތުން އޮޑިޓް ކޮމިޓީގެ ޗެއާވެސް މަގާމުން ވަކިކުރި." ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅަން މެނޭޖްމަންޓުން ދެކޮޅު ހެދިކަމަށެވެ. އަދި އެ މީހުން އެހެން ޑިޕާޓްމަންޓުތަކަށް ބަދަލުކޮށް މައްސަލަތައް ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ވޭތުވެދިޔަ 14 މަސްތެރޭ އެ އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުއައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތަކެއް ތައްޔާރުކުރުން ކަމަށެވެ. އަދި އެ ލިޔުންތައް އިތުރަށް ތަހުގީގުކުރުމަށް މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަޒީލް ވިދާޅުވީ އެކަން އެގޮތަށް ކުރަން ޕީއެސްއެމްއަށް ނުކެރޭނެ ކަމަށެވެ. އަދި އޭސީސީއަށް މައްސަލަ ހުށަހަޅައިފިނަމަ ޕީއެސްއެމްގެ އެކި މަގާމުތަކުގައި މިހާރުވެސް ތިބި މީހުންގެ ކޮރަޕްޝަންގެ މައްސަލަތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީއެސްއެމް އަކަށް ނުކެރޭނެ އެ މައްސަލަތައް އެތަނުން ބޭރު ކުރާކަށް. އެންމެ އޮޑިޓް ރިޕޯޓެއްވެސް އޮފީހުން ބޭރުވާކަށް އެމީހުންނެއް ނޭދޭނެ،" ފަޒީލް ވިދާޅުވިއެވެ.

ޕީއެސްއެމްގެ އިންޓާނަލް އޮޑިޓަރު ފަޒީލް ވަޒީފާއިން ވަކިކުރަން ނިންމީ ތިން މަހުގެ މުސާރަ ދިނުމަށްފަހުއެވެ.