ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް ދިޔުމުގެ ކުރިން ކޮފީ ތަށްޓެއް ބުއިމަކީ ގިނަ ބަޔަކު ކުރާކަމެކެވެ. ރައްޓެއްސަކާ ދިމާވުމުން ވެސް އެންމެ ފުރަތަމަ އަހާލެވޭ ސުވާލަކީ ކޮފީއެއް ބޯން ދެވޭނީ ކޮންއިރަކުތޯއެވެ.

ކޮފީއަކީ ގިނަ ބައެއްގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށްވާތީ، ކޮފީ ބުއިމަކީ ސިއްޙަތަށް ފައިދާހުރި ކަމެއްތޯ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދެއެވެ.

ސައިންސްގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ބާޓް ވޮލްބާސް ބުނާ ގޮތުގައި ކޮންމެ ދުވަހު ކޮފީ ބުއިމަކީ އޭގައި ހުންނަ ކެފެއިންއަށް ވަރަށް އަވަހަށް ދެވިހިފާ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކޮފީ ބޯން ބޭނުންވެ، ކޮފީ ނުބޯ ނަމަ ބޮލުގައި ރިއްސައި، މީހާއަށް ވަރުބަލިކަން އިހުސާސު ކުރެވޭ މިންވަރު އިތުރުވެއެވެ.

ކޮންމެ ދުވަހަކު ކޮފީ ބުއިމަކީ ބަރުދަން ލުއިވުމަށް މަގުފަހި ކުރާ ކަމެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ.

އެމެރިކާގެ ނިއުޔޯކްގެ ކާޑިއެކް ޑައިގްނޯސްޓިކް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސްޓީވަން ރީސްމަން ވިދާޅުވީ ކޮފީ ބުއިމުން ކަސްރަތު ކުރެވޭ މިންވަރު އިތުރުވެ، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމަށެވެ. ނަމަވެސް ބަރުދަން ލުއިކުރާނަމަ ފައިދާ ހުރި ކާނާ ކެއުމަށާއި ކަސްރަތު ކުރުމަށް ވެސް އިސްކަން ދޭން ޖެހޭނެކަން ކަމާ ބެހޭ މާހިރުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ކޮފީ ބޯނަމަ ސިކުނޑިއަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ.

ކެނެޑާގެ ކްރެމްބިލް ބްރެއިން އިންސްޓިޓިއުޓްގެ ކޯ-ޑިރެކްޓަރު ޑރ. ޑޮނަލްޑް ވީވާ ވިދާޅުވި ގޮތުގައި، އޭނާ އާއި އޭނާގެ ޓީމުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮފީ ބުއިމުން އަލްޒައިމާސް ބައްޔާއި ޕާކިންސަންސް ބަލި ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

ވީވާ އާއި އޭނާގެ ޓީމުން ހެދި އެ ދިރާސާގެ ހޯދުންތައް "ފްރަންޓިއަސް އިން ނިއުރޯސައިންސް" ޖާނަލްގައި ވަނީ ޝާއިއުކޮށްފައެވެ.

ދުވާލަކު ކޮފީ ބޯން އެންމެ ރަނގަޅު މިންވަރު ދެނެގަތުމަކީ މުހިންމުކަމެކެވެ. އެގޮތުން ގިނަ ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު ތިންތަށި ނުވަތަ ފަސް ތަށި ކޮފީ ބުއިމަކީ ސިއްޙީ މައްސަލައެއް ނުހުންނަ މީހުންގެ ހަށިގަނޑަށް ގެއްލުން ލިބޭކަމެއް ނޫނެވެ.