03 Jun 2022, 17:02
ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ފައިސާއަކީ ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، ތަންތަނަށް ގޮސް އަދި އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށް ދޭން ނިންމާފައިވާ އެހީއެކެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާނީ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންނެވެ.
އެ މަޝްރޫއަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 10 މިލިއަން ޑޮލަރެވެ.
އެ ފައިސާ ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)އިން ދޭ ހިލޭ އެހީގެ ގޮތުގައެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ދިއުން އިތުރަށް ހަލުވިވެ، އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމުތަކާއި ސިއްހީ ހިދުމަތްތައް އޮންލައިންކޮށް ހޯދުމާއި އޮންލައިންކޮށް ކިޔަވައިދިނުން ފަދަ އާ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް އުފެދުން އިތުރުވެފައި ވާކަމަށެވެ.
"މި ފުރުސަތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ތަރައްގީ ހާސިލްކުރުމުގެ އިތުރުން، މިހާރަށް ވުރެ ރަނގަޅު އިގްތިސާދެއް ބިނާކުރަން ރާއްޖެއަށް އާ ފުރުސަތުތަކެއްގެ ބޭނުން ހިފިދާނެ،" އޭނާ ވިދާޅުވިއެވެ.