03 Jun 2022, 13:39
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓިންގެ މަސައްކަތް އައުޓްސޯސްކުރަން ނިންމާފައިވާކަމަށް އެ މީޑިއާއިން ބުނެފިއެވެ.
އެ މީޑިއާގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ 14 މަސްދުވަސްތެރޭ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ލަނޑުދަނޑިތައް ހާސިލްވެފައި ނުވާ ކަމަށެވެ.
އެ ނިންމުން ނިންމުމަށްފަހު އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ބޯޑުގެ އޮޑިޓް ކޮމިޓީން ރިވިއުކުރުމަށް ފަހު ކުންފުންޏަށް އެންމެ ފައިދާވާނީ ކުންފުނީގެ ބޭރުން އޮޑިޓްގެ މަސައްކަތްތައް ހަމަޖެއްސުންތޯ ނުވަތަ ކުނުފުނިން އެކުލަވާލި އޮޑިޓް ޑީޕާޓްމަންޓުން ކުރިއަށް ގެންދިއުންތޯ ބަލާފައިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.
އެގޮތުން ވޭތުވެދިޔަ 14 މަސްތެރޭ އެ އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުއައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތަކެއް ތައްޔާރުކުރުންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ލިޔުންތައް އިތުރަށް ތަހުގީގުކުރުމަށް މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އޮޑިޓް ޑިޕާޓްމަންޓުގެ މައިގަނޑު މަގުސަދަކީ އޮޑިޓް ރިޕޯޓު އެކުލަވާލުން ކަމަށްވާއިރު މި ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން އޮޑިޓް ރިޕޯޓެއް އެކުލަވާލާފައި ނުވާކަން ފާހަގަކުރަން." އެ ބަޔާނުގައި ވެއެވެ.
ޕީއެސްއެމްގެ އިންޓާނަލް އޮޑިޓަރު ވަޒީފާއިން ވަކިކުރަން ނިންމީ ތިން މަހުގެ މުސާރަ ދިނުމަށްފަހުއެވެ.