03 Jun 2022, 10:51
ގަވާއިދާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ވައްދައިފިނަމަ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި މީހަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްޙަ ނޫން ކޮންމެ ފޯމަކަށް އެ ފޯމު ހުށަހެޅި ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. އަދި ކޮންމެ ވަގު ފޯމަކަށް ޕާޓީގެ ރެޖިސްޓްރާވެސް ޖޫރިމަނާކުރަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ވަގު ފޯމު ހުށަހަޅައިގެން ޕާޓީއަށް މީހުން ވެއްދުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް ވެސް އެ ކޮމިޝަނުން ވަނީ އަޅާފައެވެ. އެގޮތުން ޕާޓީއަށް ވަނުމަށް އެދި އެ ކޮމިޝަނަށް ފޯމް ހުށަހެޅުމުން، އެ މީހަކު ޕާޓީގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އޭނާގެ ނަމާއި އައިޑީކާޑު ނަންބަރުގެ ފަހު ތިން އަކުރު ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާނެއެވެ.
އަދި ޕާޓީއަށް ވަނުމަށް ފޯމުގައި ސޮއިކުރިތޯ ޔަގީންކުރުމަށްޓަކައި އެ ކޮމިޝަނަށް ލިބޭ ކޮންމެ މެމްބާޝިޕް ފޯމެއްގައިވާ މޯބައިލް ނަންބަރަކަށް މެސެޖް ވެސް ކުރާނެއެވެ.
ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމު ހުށަހަޅާކަމުގެ ތުހުމަތު އެމްއެންޕީ، އަދާލަތު ޕާޓީ އަދި އެމްޑީޕީއަށްވެސް މީގެކުރިން ވަނީ ކޮށްފައެވެ.
އަދި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން އެ މީހުންނަށް ނޭނގި އަދާލަތު ޕާޓީ އަށާއި އެމްއެންޕީއަށް ވައްދާފައިވާ މައްސަލަތަކެއް އެ ޕާޓީން ވަނީ ފެންމަތިކޮށްފައެވެ. އޭގެތެރޭގައި އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ބައެއް ކައުންސިލްތަކުގެ ރައީސުން ވެސް ހިމެނެއެވެ.
ދާދިފަހުން ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤުގެ މަަންމަ އާއި ބައްޕަ އޮޅުވާލައިގެން އަދާލަތު ޕާޓީއަށް ވެއްދި ކަމަށް ތުހުމަތުކޮށް އޭނާ ވަނީ އެ މައްސަލަ ފެންމަތިކޮށްފައެވެ.