މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކޮށްދިނުމަށް އެ ޕާޓީން އެދިއްޖެއެވެ.

އެމްއާރުއެމް ހިމެނޭ ގޮތަށް 3000 މީހުން ހަމަނުވާ ޕާޓީތައް އުވާލުމަށް މި ފަހުން ވަނީ ނޯޓިސް ފޮނުވައިފައެވެ.

އެކަމާ ގުޅިގެން ރޭ އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ހުށަހަޅާފައިވާ ފޯމުތައް ހިމަނައިގެން އެ ޕާޓީގައި 3000އަށް ވުރެ ގިނަ މެމްބަރުން ހަމަވާނެ ކަމަށެވެ.

"އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދިވެސް ގިނަ ފޯމުތައް ޕްރޮސެސް ނުކޮށްހުރިކަން ފާހަގަކުރަން،" އެ ބަޔާނުގައިވެއެވެ.

އެމްއާރްއެމްއިން ބުނީ ފާއިތުވި ދުވަސްތަކުގައި އެމްއާރްއެމްއިން ކުރި ބުރަ މަސައްކަތުން އީސީއަށް ވާނީ 1407 ފޯމު ހުށަހަޅާފައި ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ޕޯމާއި އޭގެ ކުރީ ބުރާސްފަތި ދުވަހު 103 ފޯމު އަދި އިއްޔެ ވެސް 123 ފޯމު ހުށަހަޅާފައި ވާނެ ކަމަށެވެ. އޭގެ ތެރެއިން 1297 ފޯމު އަދިވެސް ޕްރޮސެސްނުކޮށް ހުރިކަން އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން އެ ބަޔާނުގައިވަނީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3000 މީހުން ހަމަވާންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިފަހުން މިއަދާ ހަމައަށް ވެސް 700އަށް ވުރެ ގިނަ ފޯމު އެ ޕާޓީގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާނެމަކަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެތެރެއިން ބައެއް ފޯމުތަކަކީ އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަދުވަސް ވެފައިވާ ފޯމުތަކެއްކަން ފާހަގަކުރަމުން، ފޯމުތައް ފޮރޮސެސް ކުރުމުގައި އަވަސްކޮށްދެއްވުމަށް އަދި އެމްއާރްއެމްއިން ވާނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންނާ ދާދިފަހުން ބައްދަލުކޮށް ވާހަކަދައްކާފައެވެ،" އެ ބަޔާނުގައިވެއެވެ.