އެކި ހާދިސާތަކާ ގުޅިގެން ދިނުޔެއަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އިގްތިޞާދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހް މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އިގްތިޞާދުކޮށް ފަހަށް ރައްކާކުރަން ސަމާލުކަންދޭންވާނެކަމަށެވެ.

އެގޮތުން ކަރަންޓު ޚަރަދު ކުޑަކުރުމާއި، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ފަދަ ކަންކަމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި އަދި ކުރިއަށްއޮތް ޖީލުތަކަށް ރާއްޖެއަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާފައިވާނެކަމަށެވެ.

"މިފަދަ ސިޔާސަތުތަކުގެ ނަތީޖާ، ޤައުމީ ފެންވަރުގައި ފެންނަން ފަށާނީ ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެން،" ރައީސް ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއްކަމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީވެސް ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމު ހިންގުމުގެ އެންމު މުހިންމު ދައުރު އަދާކުރީ ރައީސް އޮފީހުގައި ގިނަ ދުވަހު ޚިދުމަތްކުރި އަދި މިހާރުވެސް ޚިދުމަތް ކުރާ މުވައްޒަފުންކަމަށެވެ. އަދި ރައީސް އޮފީހުގައި މަސައްކަތްކުރާ މީހުންގެ އެންމެ ފާހަގަކުރެވެނީ އަޚުލާގުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިރޭ ޚިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަޚުލާގު. އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިއްބެވޭ އެއް ސަބަބަކީ ވެސް، އެ ސިފަ،" ރައީސް ވިދާޅުވިއެވެ.

މިރޭ ބޭއްވި ޙަފްލާގައި، ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި 126 މީހަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. އެ ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކޮށްފައިވާ 20 މީހަކަށް ފިލާ އަރުވާފައި ވަނީ އެމީހުންގެ ހަނދާނަށެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި އަދި މިހާރު ވެސް ޚިދުމަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގެތެރެއިން -- ފޮޓޯ/ ރައަީސް އޮފީސް

މިރޭގެ ހަފްލާގައި ރައީސް އޮފީހަށް 40 އަހަރާއި، 35 އަހަރާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 49 ބޭފުޅަކަށާއި، 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 33 ބޭފުޅަކަށް ރައީސް ވަނީ ހަނދާނީ ފިލާ ދެއްވާފައެވެ.

މީގެއިތުރުން ރައީސް އޮފީހަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 44 ބޭފުޅަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހަނދާނީފިލާ ދެއްވާފައެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި އަދި މިހާރު ވެސް ޚިދުމަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގެތެރެއިން -- ފޮޓޯ/ ރައީސް އޮފީސް