02 Jun 2022, 17:11
މާފަންނުގައި ހުރި ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މާޗު މަހުގެ 24 ވަނަ ދުވަހު، މ. ލަވްނެސްޓް ގޭގައި ވަޅުލާފައި ހުރި، ބަރުދަނުގައި ގާތްގަނޑަކަށް 42 ކިލޯ ހުންނަ ވަރުގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިންއާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދެވެ. އެ ދެ މީހުންގެ ތެރެއިން އަޙްމަދު ޙުސައިނަކީ ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރެކެވެ. މި މައްސަލާގައި އޭނާ ހައްޔަރުކުރުމުން ޕީއެންސީން ވަނީ އެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިިކޮށްފައެވެ.

މ. ލަވް ނެސްޓް ގޭގެ ތަޅުން ދަށުގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި މަސްތުވާތަކެތި -- ފޮޓޯ/ ޕޮލިސް
ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު ވިދާޅުވީ މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިމެ، އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށެވެ.
އެހެންކަމުން ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް ޕީޖީން އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.