19:00


ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންކަތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހާ މީހުން ޝަރުޢީ ދާއިރާއަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން މިދަނޑިވަޅުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން ގޮވާލައިފި އެވެ.


ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މީޑިއާގެ ޒަރޫއާއިންނާއި އެކިއެކި އެއްވުންތަކާއި ބައްދަލުވުންތަކުގަ އާއި، އަދި މިނޫންވެސް ގޮތްގޮތުން، ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަން ނަގާލުމުގެ ބޭނުމުގައި، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމުގެ ނިޔަތުގައި އެކިއެކި ފަރާތްތަކުން ފަނޑިޔާރުންނަށް ބިރުދައްކައި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ފަނޑިޔާރުންގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން އެކިއެކި ސިފަސިފައިގައި ހިންގަމުން ގެންދާ ހަރަކާތްތައް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.


ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއް ކަމާއި، ފަނޑިޔާރުން އަމަލްކުރަންވާނީ ޤާނޫނު އަސާސީއަށާއި ޤާނޫނަށާއި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާއިރު، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ކަމުގައި ވިޔަސް، ފަނޑިޔާރުންގެ މަސައްކަތްތަކާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ވަރަށް ސަރީހަ އިބާރާތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް  އެއްވެ އުޅުމުގެ ޤަވާއިދުގައި އެއްވުންތައް ނުބޭއްވޭނެ ކަމަށް ބުނެ ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ސަރުއީ ކޯޓުތައް ހިމެނިފައިވާއިރުވެސް، އެތަންތަނަށް އެއްވެ މުޒާހަރާކޮށް ކޯޓުތަކުގެ ހައިބަތާއި ޤަދަރު ގެއްލޭ ގޮތަށް އަދި ޝަރީއަތްކުރުމަށް ދަތިވާ ގޮތަށާއި ޝަރީއަތަށް ހާސިރުވާ އާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތްގޮތަށް ބައެއް ފަރާތްތަކުން އަމަލް ކުރަމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށްވެސް އެ ނޫސްބަޔާނުގައިވެ އެވެ.