02 Jun 2022, 13:17
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގއ. ވިލިނގިލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ ހިނގި ނުރައްކާތެރި ހާދިސާގައި ހާލު ދެރަވި މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފިއެވެ.
އެ އެކްސިޑެންޓުގައި ދެ މީހަކު މަރުވެ، ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާއަށް މާލެ ގެނެސްފައިވެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފައިވަނީ އެ އެކްސިޑެންޓުގައި ހާލު ދެރަވެގެން މާލެ ގެނެސް އައިސީޔޫގައި ފަރުވާދިން އުމުރުން 30 އަހަރުގެ މީހާ ކަމަށެވެ.
އެމީހާ ގެންދިޔަ ގައުމާއި ގެންދިޔަ ތާރީޚު ޑޮކްޓަރުން ހިއްސާ ކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ހާލު ދެރަވެގެން ގެނައީ އެންމެ ފުރަތަމަ ތިން މީހުން. އޭގެ ތެރެއިން ދެމީހުން އިތުރު ފަރުވާ އަށް ވަނީ ގެއަށް ދޫކޮށްލާފަ. އައިސީޔޫގަ އޮތް މީހާ އިތުރު ފަރުވާ އަށް ބޭރަށް ގެންގޮސްފަ ވަނީ މިހާރު،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މީހާ ބޭރަށް ގެންދިޔަ ނަމަވެސް އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.
އެ އެކްސިޓެންޓުގައި ނެރުގެ ފައިކައްޓަށް ލޯންޗު އަރާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ކަމަށް މަންޒަރު ދުށް ބައެއް މީހުން "ސަން" އަށް ވަނީ ކިޔައިދީފައެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.