02 Jun 2022, 13:01
މި އަހަރު އޯލެވެލް އިމްތިހާނު ނިންމާ ދަރިވަރުންނަށް ބޯހިމެނުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހުޅުވާލައިފިއެވެ.
ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 17އިން 30އަށް ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީން ނިންމާފައިވާއިރު މާލެ ސަރަހައްދަށް ޖުމްލަ 4،400 މީހުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ އިއުލާނުކޮށްފައެވެ.
މިއަދަދަށް އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ މިއަހަރު އޯލެވެލް ނިންމާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ އެ މަސައްކަތަކީ ސްކޫލް ނިންމާ ދަރިވަރުން މަތީ ތަޢުލީމަށް ދިއުމުގެ ކުރިން އަދި ވަޒީފާގެ މައިދާނަށް ނިކުތުމުގެ ކުރިން ތަޖުރިބާ ކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ތެރޭގައި މީހުންނާ މުއާމަލާތްކޮށް ސުންގަޑިތަކަށް މަސައްކަތް ނިންމުމާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމާއެކު ގަޑިއަށް ފަރުވާތެރިވުން ފަދަ މުހިއްމު ކަންކަން ދަސްވެގެން ދާނެ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ އޯލެވެލް ނިންމާ ދަރިވަރުންނަކީ 18 އަހަރު ނުފުރޭ ކުދިން ކަމުގައިވާތީ، އެކުދިން މިމަސައްކަތަށް ކުރިމަތިލާއިރު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ސިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި މަސައްކަތަށް އަތޮޅުތަކަށް 1،991 ބޭނުންވާއިރު އެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެއެވެ.
މީގެ އިތުރުން 7-11 ދުވަހަަށް 10 ރުފިޔާގެ އިތުރު އެލަވަންސެއްވެސް ދޭނެއެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.
ހުރިހާ އެލަވަންސެއްވެސް ދޭނީ ބޯހިމެނުމުގެ މަސައްކަތް ނިމުމުންނެވެ. ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.