02 Jun 2022, 12:37
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަދި މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
މިކަމާ ގުޅިގެން ބާއްވާ ހަފްލާއެއް، މިރޭ 8:30ގައި ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިރޭގެ ހަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ރައީސް އޮފީހުގައި ދާއިމީ ވަޒީފާ އަދާކޮށްފައިވާ މީހުންނަށް ހަނދާނީ ފިލާ އަރުވަން ހަމަޖެހިފައިވެއެވެ.
މީގެ ކުރިން، ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދިން މީހުންގެ އަގު ވަޒަން ކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، 1968 ވަނަ އަހަރު އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން، ތެދުވެރިކަމާއެކު ޚިދުމަށްކޮށްދިން ގިނަ ބަޔަކު ވާނެ ކަމަށާއި އެމީހުންގެ ޚިދުމަތް ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިރޭގެ ހަފްލާގައި، ރައީސް އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ 126 މީހަކަށް ހަނދާނީ ފިލާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރެއިން މިހާރު ދުނިޔެ ދޫކުރައްވާފައިވާ 20 މީހަކަށް ފިލާ އަރުވަން ހަމަޖެހިފައި ވަނީ އެމީހުންގެ ހަނދާނަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.