02 Jun 2022, 10:57
ޓުއަރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވުމަށް ތާވަލުކޮށްފައި އޮތް އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން މުޙައްމަދު ނަޖީބު 'ސަން'އަށް ވިދާޅުވީ މައްސަލަ ބައްލަވާ އިސް ގާޒީ އަޙުމަދު ޝަކީލު އާލާސްކަންފުޅާ އުޅުއްވާތީ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި މި އަޑުއެހުންތައް ދެން ބާއްވާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ނިންމާފައެވެ. އެ މައްސަލަ ލައިވްކޮށްދިނުމަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.
މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުން މަޑުޖެހިފައިއޮތީ, ކްރިމިނަލް ކޯޓުގައި ވަސީލަތް ނެތުމުން ކަމަށް ކުރިން ވަނީ ބުނެފައެވެ.
ތަކުރާރުކޮށް ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދުމުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ, ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުމުން ފެށިގެން ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ހުށެހެޅުންތަކާ މެދު ގޮތެއް ނިންމާފައެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދިފާއުން އަދި ދައުލަތުން ވެސް ހުށަހެޅުންތައް ކޯޓަށް ފޮނުވާފައި ނެތުމުން އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށް ބައްލަވައި ގާޒީ ނިންމެވީ ޝަރީއަތް ފެށުމަށެވެ.