ޖެނީވާ (02 ޖޫން 2022): އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ފެތުރެންފެށި މަކުނުވިދުރި ދުނިޔޭގެ އިތުރު ގައުމުތަކަށް ފެތުރެމުންދާ ކަމަށާ އެބަލި ބޮޑަށް ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ, ޑަބްލިޔުއެޗްއޯ އިން ކަށަވަރުކޮށްދީފިއެވެ.

އެޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ މަކުނުވިދުރި ބޮޑަށް ފެތުރެނީ އެއްޖިންސުން ޖިންސީ ގުޅުންތައް ހިންގާ މީހުންގެ މެދުގައިކަން ޔަގީންވާ ވަރަށް ތަފާސްހިސާބުތަކުން އެކަން އެނގޭ ކަމުގައެވެ.

އެއްޖިންސުން ގުޅުންތައް ހިންގާ މީހުންގެ މެދުގައި މިބަލިފެތުރޭ މިންވަރު ގިނަކަން މިހާތަނަށް ފެނިފައިވާ ހާލަތްތަކުގެ ތަފާސް ހިސާބުތަކުން ވަރަށް ބޮޑަށް ސާފުވެފައިވާކަން ޑރ. ޓެޑްރޮސް ހާމަކުރެއްވިއެވެ.

ޑަބްލިޔު އެޗް އޯ ގެ ވެރިޔާ ޑރ. ޓެޑްރޮސް

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން މިދިޔަ މޭމަހު ފެތުރެންފެށި މަކުނުވިދުރީގެ ހާލަތްތައް މިހާރުވަނީ ދުނިޔޭގެ 30 ގައުމަކުން ފެނިފައެވެ. ނަމަވެސް މި ބަލި އެންމެ ފުރަތަމަ ޖެހުނުކަން އެނގިފައިވަނީ ރާމާމަކުނަށެވެ. ޖަނަވާރުތަކަށް ބަލާއިރު ރާމާމަކުނަކީ އެއްޖިންސުން ގުޅުންހިންގުމުގެ އަމަލު ހިންގާ ޖަނަވާރެކެވެ.

ރާމާމަކުނުގެ ފަރާތުން މިބަލި އިންސާނުންނަށް ޖެހިފައިވަނީ އެފްރިކާގެ ބައެއް ގައުމުތަކުގައެވެ. ނަމަވެސް މިދިޔަ މޭމަހުގެ ކުރީކޮޅު މިބަލި ފެނިފައިވަނީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އަދި ކެނެޑާއިންނެވެ. ހުޅަނގުގެ މި ގައުމުތަކަކީ އެއްޖިންސުން ގުޅުން ހިންގުން ގާނޫނީ ގޮތުން ހުއްދަކޮށް އަދި އެކަމަށް ބާރުއަޅައި އަދި ދުނިޔޭގެ އެހެންގައުމުތަކުގައި އިންސާނީ ހައްގުތަކުގެ ނަމުގައި އެނުބައި އަމަލު ފަތުރަން ވަރަށް ބޮޑަށް މަސައްކަތްކުރާ ގައުމުތަކެކެވެ.

ބެލްޖިއަމް އާއި ސްޕޭންގައި މިދިޔަ މޭމަހުވަނީ އެއްޖިންސުން ގުޅުން ހިންގާ އަންހެނުންނާއި ފިރިހެނުންގެ އެތައް ބަޔަކު އެއަމަލު ޕްރޮމޯޓްކުރުމަށްޓަކައި ބޮޑު ދެ ހަފްލާ ބާއްވާފައެވެ. އެ ދެ ހަފްލާގައި އެތައް ސަތޭކަ ބަޔަކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގާފައިވާއިރު މަކުނުވިދުރި ފެނުނީ އެއަމަލު ހިންގި މީހުންގެ ތެރެއިންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑަބްލިޔުއެޗްއޯ އިންވެސް މިހާރު މިވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

މަކުނުވިދުރިގެ އަލާމާތް ތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، ހަށިގަނޑުގެ މަސްތަކުގައި ރިއްސުން، ވަރުބަލިވުން، ކަރުގައާއި، ކިހިލިފަތް ދޮށުގައި އަދި އުކުޅުވަޅުގައި ގޮށްލުން ، ހަށިގަނޑުގައި ބޮޑެތި ފޮޅުތަކެއް ނެގުން ފަދަ ކަންކަން ހިމެނެއެވެ. ފޮޅުތައް ނަގާކަމަށްވަނީ މިއަލާމާތްތައް ފެންނަތާ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައެވެ.

މަކުނުވިދުރި އަކީ ގައިން ގައަށް އަރާ ބައްޔެއް ނަމަވެސް ކޮވިޑް-19 ގޮތަށް ދުނިޔޭގައި އާލަމީ ވަބާއެއްގެ ގޮތުގައި އެބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ. މަކުނުވިދުރި އަށް ޚާއްސަ ވެކްސިން އެއް ނެތެވެ. ނަމަވެސް ކަށިވިދުރިއަށް ދޭ ވެކްސިން ދިނުމުން އެބަލިން ސަލާމަތް ވުމުގެ ފުރުސަތު 80 އިންސައްތައަށް ލިބިދޭކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ.

މަކުނު ވިދުރިއަށް ޚާއްސަ ބޭހެއް ނެތްނަމަވެސް ފާނުބަސަންދު ފަދަ ބަލިތަކަށް ދޭ ބޭސްތައް ދިނުމުން ގިނަ މީހުން ހަށިގަނޑުގައިވާ ދިފާއީ ބާރުގެ އެހީގައި މިބަލިން ރަނގަޅުވެއެވެ. ނަމަވެސް ހަށިގަނޑުގެ ހާލަތު ހުންނަގޮތުން ބައެއްމީހުން މިބަލީގައި މަރުވެސްވެއެވެ.