މިރޭ ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު ދެކުނު އެމެރިކާގެ ކޮންބޯލް-ޔޫއެފާ ކަޕް އޮފް ޗެމްޕިއަސްގައި އާޖެންޓީނާއިން އިޓަލީ ބަލިކޮށް ތަށި އުފުލާލައިފިއެވެ.

އެ މެޗަކީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ ބައްރު ކަމުގައިވާ ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކުޅޭ މެޗެެކެވެ. މިދިޔަ އަހަރު ޔޫރޯ ކާމިޔާބުކުރި އިޓަލީއާއި ކޮޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އާޖެންޓީނާއިން ތަފާތު މޮޅު ކުޅުމެއް ވަނީ ކުޅެފައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީގެ ފަރާތުން ވެސް ފެނުނީ ޖާދުވީ ކުޅުމެކެވެ. މެސީ ހުއްޓުވުމަށް އިޓަލީން ވަނީ ވަރަށް މަަސައްކަތް ކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މެސީ އޭރިއާ ބޭރުން ބޯޅަ ހިފައިގެން ކައިރީގައި ހުރި އިޓަލީ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ވަދެ ލައުޓާރޯ މާޓިނޭޒް އަށް ދިން ބޯޅައިގެ ބޭނުން ހިފައި އޭނާ ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހައިފައެވެ.

އާޖެންޓީނާ އަދި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން އިޓަލީ ކުޅުންތެރިން މެސީ ހުއްޓުވުމަށް މަަސައްކަތް ކުރަނީ---

މީގެ އިތުރުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވުމުން ދިން އިތުރު ވަގުތުގެ ތެރޭގައި އާޖެންޓީނާއިން ވަނީ މެޗުގެ ދަވަނަ ގޯލު ޖަހައިފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލު ޖަހައިދިން މާޓިނޭޒްގެ އެހީތެރިކަމާއެކު އޭންޖެލް ޑިމާރިއާއެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ އިތުރު ވަގުތުގުގެ ތެރޭގައި އާޖެންޓީނާ ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ވެސް ޖަހައިފައެވެ. އެ ގޯލަކީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތަށް ކުޅެން ނިކުތް ޕައުލޯ ޑީބާލާ ޖެހި ގޯލެކެވެ.

އެއާއެކެ އެ ޓީމުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ 32 މެޗު ކުޅެފައެވެ. އަދި މިރޭގެ ތައްޓާއެކު ކެޕްޓަން މެސީ ވަނީ 40 ތަށި އޭނާގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގައި އުފުލާލައިފައެވެ.