01 Jun 2022, 23:34
ސަރުކާރު އަދި އަމިއްލަ އޮފީސްތަކަށާއި ކުންފިނަތަކަށާއި ޖަމިއްޔާތަކަށް ހުޅުވާލައިގެން ފައިގަތަޅާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މަހުގެ 22-26އަށް ބާއްވާ އެ މުބާރާތަކީ ސްޕޯޓްސް ކޯޕަރޭޝަނާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ބާއްވާ މުބާރާތެކެވެ.
"ފައިގަތަޅާ ފޯރި"ގެ ނަމުގައި ބާއްވާ އެ މުބާރާތް ބޭއްވުމުގެ ބޭނުމަކީ ދިވެހީންގެ ތެރޭގައި އުވެމުންދާ ދިވެހީންގެ އަމިއްލަ ވަންތަ މުބާރާތްތައް ދިރުވައި އެ މުބާރާތްތަކުގެ ފޯރި އިތުރުކުރުންކަމަށް ޔުނިކްސް އިން ބުނެއެވެ.
ހުޅުމާލެ ރުއްގަނޑު ދޭއްގައި ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން އަދި ދެ އޮފިޝަލުން ހިމަނަންޖެހެއެވެ.
އެ މުބާރާތުގައި ބައިވެރުވުމަށް ޝައުޤުވެރިވާ ޓީމުތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެއެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު 9998408 ނުވަތަ 7388636ގެ ވަޓްސްއެޕާއި ޓެލެގްރާމް މެދުވެރިކޮށް ލިބޭނެއެވެ.
އެ މުބާރާތުގައި މިހާރު ވެސް ވަނީ ބައެއް އޮފީސްތަކުން ބައިވެރިވެފައެވެ. އެގޮތުން ޕެންޝަން އޮފީސް، މަލޭ ސިޓީ ކައުންސިލްގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ހިމެނެއެވެ.