01 Jun 2022, 23:29
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމެއް، ތައާރަފްކޮށްފިއެވެ.
"ކައިންޑްލީ ބައި ބީއެމްއެލް" ގެ ނަމުގައި ތައާރަފްކުރި އައު ޕްލެޓްފޯމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގަން ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
"ކައިންޑްލީ ބައި ބީއެމްއެލް" އަކީ ޖަމްޢިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް ޖަމްޢިއްޔާގެ ފަރާތުން މުޖުތަމަޢަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ، ރައްކާތެރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމަކީ ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމްޢިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގައި، ފަސޭހައިން ރިޕޯޓުތައް ނެގޭގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
އެގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށް، މަދުވެގެން ދެއަހަރު ދުވަހު ހިންގާފައިވާ ޖަމްޢިއްޔާތަކަށް "ކައިންޑްލީ ބައި ބީއެމްއެލް" ގައި ރަޖިސްޓާ ކުރެވޭނެއެވެ.
ޖަމްޢިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާ ކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ އޮންލައިން ފަންޑްރެއިޒިން ޕްލެޓްފޯމެއް އިފްތިތާހު ކުރުމަކީ ބީއެމްއެލްއަށް ލިބުނު ބޮޑު އުފަލެއްކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ ވިދާޅުވިއެވެ.
"ކައިންޑްލީގެ ހިޔާލުއައީ ފަންޑްރެއިޒްކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި،" އޭނާ ވިދަޅުވިއެވެ.