އެލައިޑް އިންޝުއަރަންސްގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ތެރެއިން ހަތަރު ސްކޫލަކަށް ސްމާޓް އެޑިއުކޭޝަނަށް ބޭނުންކުރާ ވަސީލަތްތައް ހަދިޔާކޮށްފިއެވެ.

މިއަދު އެކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖާ އިބްރާހީމް ފިރުޝާން އާއި ނިޔާޒު މުޙައްމަދެވެ. އަދި ސްކޫލްތަކުގެ ފަރާތުން ޓީވީއާއި ކޮމްޕިއުޓާ ސިސްޓަމްތަކާ ހަވާލުވެ ދެއްވީ ސްކޫލްތަކުގެ އިސްވެރިންނެވެ.

އެލައިޑް އިންޝުއަރެންސް އިން ހަތަރު ސްކޫލަކަށް ސްމާޓް އެޑިއުކޭޝަނަށް ބޭނުންކުރާ ވަސީލަތްތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެލައިޑް އިންޝުއަރެންސް

އެލައިޑުން މިތަކެތި ހަދިޔާކޮށްފައިވާ ސްކޫލުތަކަކީ ފ. އަތޮޅު ސްކޫލް، ހުރަވީ ސްކޫލް، އިއްޒުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލެވެ. ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިވުމުގެ ބޭނުމަކީ ތައުލީމީ ދާއިރާ މުއްސަނދިކޮށް، ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާ އުކުޅުތައް ޒަމާނީ ކުރުމަށްޓަކައި ސްކޫލްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދިނުން ކަމުގައި އެލައިޑުން ބުންޏެވެ.

މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އިބްރާހީމް ފިރުޝާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލްތަކާ އެކު އަބަދުވެސް ބަދަހި ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދަރިވަރުންގެ ތައުލީމީ ހަޔާތް ކާމިޔާބުކަމާ އެކު ނިންމާލުމަށް ބޭނުންވާ ފުރުސަތުތައް ފަހި ކޮށްދީ ވަސީލަތްތައް ހަރުދަނާކުރުމަށް އެލައިޑުގެ އެހީތެރިކަން ވީ މިންވަރަކުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސް އިން ހަތަރު ސްކޫލަކަށް ސްމާޓް އެޑިއުކޭޝަނަށް ބޭނުންކުރާ ވަސީލަތްތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެލައިޑް އިންޝުއަރެންސް

ދެހާސް އަށާރަ ވަނަ އަހަރު އިފްތިތާހު ކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ޚާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމަށް ކަނޑަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން "ކޮލިޓީ އެޑިޔުކޭޝަން" އަކީ "ޕްރިމިއަމް ފޯ ގުޑް" ގެ އެންމެ މުހިންމު އެއް އަސާސެވެ.