01 Jun 2022, 23:15
މިއަހަރު އާންމުކޮށް ހުޅުވާލައިގެން ދޫކުރަން ނިންމި 100 ކޯޓާގައި ހައްޖަށް ދެވޭނީ 76،960 ރުފިޔާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިސްމާޢީލް ޙަމީދު މިރޭ "ސަން"އަށް ވިދާޅުވީ މި އަހަރު އާންމުކޮށް ހުޅުވާލި ކޯޓާތަކުގައި ހައްޖަށް ދިއުމަށް އާންމުންނަށް ހުޅުވާލީ އެކަމުގެ އަސްލު އަގުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ރަޖިސްޓްރީ ވެގެން ދުރާލާ ހައްޖަށް ދިއުމަށް ތައްޔާރުވެގެން ތިބޭ މީހުންނަށް ސަރުކާރާއި އެ ކޯޕަރޭޝަން ގުޅިގެން ލުއި ފަސޭހަ އަގެއް ކަނޑައަޅާފައިވާނެކަމަށެވެ.
އެހެންކަމުން އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުވެ ވަގުތުން ހައްޖަށް ދިއުމަށް ބޭނުންވެފައި ތިބި މީހުންނާއި އަހަރުތަކެއް ވަންދެން ފައިސާދައްކައިގެން ތިބި މީހުންނާ އަގުގެ ތަފާތުތަކެއް ހުންނަން ޖެހޭކަމަށް ސަރުކާރަށާއި އެ ކޯޕަރޭޝަނަށް ވެސް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކޯޕަރޭޝަން ހިނގާ ގޮތަކީ ހައްޖަށް ދިއުމަށް ބޭނުންވާ މީހުން އަތުން ދުރާލާ ފައިސާ ނަގައިގެން އެ ފައިސާ އިންވެސްޓު ކުރަނީ. އެހެންކަމުން ކުއްލިއަކަށް ހައްޖަށް ދިއުމަށް ބޭނުންވާ މީހުންނަށް، ސަރުކާރަށް ވެސް ކޯޕަރޭޝަަނަކަށް ވެސް ޤަބޫލެއް ނުކުރެވޭ އެއް އަގެއްގައި އެކަން ކުރެވިދާނެކަމަކަށް،" ޙަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ކުޑަ އަގެއްގައި މީހުން ހައްޖަށް ފޮނުވަނީ އެ މީހުން ހައްޖަށްދިޔުމަށް ދޭ ފައިސާ އިންވެސްޓްކޮށްގެން ބުރަ މަސައްކަތްތަކެއް ކޮށްގެނެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް ދިއުމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ޖެހިފައިވާ މީހުންނަށް އެހެން އަހަރުތަކެކޭ އެއްގޮތަށް 69،965 ރުފިޔާއަށް ހައްޖަށް ދޭވޭނެއެވެ.
މިއީ އާންމުކޮށް ހުޅުވާލައިގެން ކޯޕަރޭޝަންގެ ލިސްޓުގައި ޖެހިފައި ނުވާ މީހުންނަށް ފުރުސަތު ހުޅުވާލައިގެން ބަޔަކު ހައްޖަށް ގެންދާ ފުރަތަމަ ފަހަރެވެ.
އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏަށް ދޫކޮށްފައިވާ 100 ކޯޓާގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ވަނީ ނިންމާފައެވެ. އެ ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ގުރުއަތު ނަގާނީ ހަމައެކަނި ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައެވެ.
ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ވަނީ ގުރުއަތުން 100 މީހުން ނެގުމަށްފަހު "ވެއިޓިން ކިއު" ގެ ގޮތުގައި އިތުރު 25 މީހުން ނަގާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ މީހާގެ ޖާގަ އެހެން މީހަކަށް ބަދަލު ނުކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.