ދިރާގު އެޕްރެންޓިސްޝިޕް ޕޮރޮގްރާމަށް ކުރިމަތިލުން މިއަދު ހުޅުވާލައިފިއެވެ.

އެ ޕްރޮގްރާމަށް އިއުލާނުކުރީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔަތެއްގައެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ތައުލީމީ ޕްރޮގްރާމެއްގެ ތެރެއިން ޒުވާނުން ބިނާކޮށް، ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރި ޒުވާނުން ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން ހުރިހާ ދާއިރާއަކުން ވެސް ތަމްރީނު ފޯރުކޮށްދެއެވެ. އެގޮތުން ފައިނޭންސް، މާކެޓިން، އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.

މީގެއިތުރުން ދިރާގުގެ އޮޕަރޭޝަން ސެންޓަރުތައް ހުންނަ ކޮންމެ ރަށެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ. އެއީ ފުވައްމުލަކު، ކުޅުދުއްފުށި އަދި އޭދަފުއްޓެވެ.

މި ޕްރޮގަރާމްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށް ދިރާގު ހެޑް އޮފީހުގައި ވޯލްކް އިން އިންޓަވިއުއެއް ކުރިއަށް ގެންދާނެއެވެ. އެ އިންޓަވިއު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.

އިންޓަވިއުއަށް ހާޒިރުވާއިރު ސީވީއާއި އިތުރު ތައުލީމީ ޑޮކިއުމެންޓްތައް ގެންދަންޖެހެއެވެ.