މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އާންމުންނަށާއި ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު އެ ޖޮބް ފެސްޓިވަލް ހުޅުއްވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ ފެސްޓިވަލް ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ގައުމުގެ ކުރިމަގު ބިނާވާނީ ކިޔަވައިގެންތިބި، އަޚުލާގު ރަނގަޅު އަޒުމް ވަރުގަދަ ޖީލެއް ބިނާވެގެންކަމަށެވެ. އަދި ވަޒީފާ އަދާކުރާނަމަ އެ ވަޒީފާއަކަށް ކަމޭހިތަންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްއެންޔޫ ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އަޅުގަނޑު އުންމީދުކުރަން ޔުނިވާސިޓީ ތަކުގަވެސް ގަޑިޖެހޭ ޓްރެންޑް ދޫކޮށްލާފަ އަންނަ ކުދިންތަކަކަށް މިކުދިން ހަދާނެކަމަށް. މިފަދަ ކަންކަމަކީ އަދަބުލިބޭ ކަންކަމަށް ވާންވާނެ،" އާޒިމް ވިދާޅުވިއެވެ.

މީގެއިތުރަށް އޭނާ ވިދާޅުވީ އޮފީހަށް ދާއިރު އަޒުމް ކަނޑައަޅަންވީ އެއްދުވަހަށްވުރެ ރަނގަޅަށް އަނެއްދުވަހު މަސައްކަތްކުރަން ކަމަށެވެ. އަދި އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ފައިސާ ރީތިވެފަ މަސައްކަތް ހަޑިވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި 31 ތަނަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނާއި، އެމްޓީސީސީ، މިފްކޯ، އުރީދޫ، ދިރާގު، މީރާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

"އެމްއެންޔޫ ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެއިތުރުން ޕީއެސްއެމް، އެމްޑަބްލިއުއެސްސީ، ބިޒްނަސް ސެންޓާ ކޯޕްރޭޝަން އަދި ކަރެކްޝަންސް ސާވިސް ފަދަ ކުންފުނިތަކުން ވެސް މި ޖޮބް ފެސްޓިވަލްގައި ބައިވެރިވިއެވެ.

އެމްއެންޔޫއިން ބުނީ މި ފެސްޓިވަލްގެ މަގުސަދަކީ، އާއްމުންނާ ހިސާބަށް ނުފޯރާ ހުރި އެކި ކަހަލަ ފުރުސަތުތަކާއި ބްރޭންޑުތައް އާއްމުންނާ ހަމައަށް ގެންގޮސްދޭނެ މަގެއް ފަހި ކޮށްދިނުމާއި ރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުސަތުތަކާއި އެއާގުޅޭ ކަންކަމުގައި ހުނަރުވެރިން ބިނާކުރަން އަހުލުވެރި ކުރުން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނަށް ދައްކާލުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް، އެމްއެންޔޫ މެދުވެރިކޮށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އެ ފެސްޓިވަލްގެ މަގްސަދެކެވެ.