01 Jun 2022, 16:49
މިދިޔަ އަހަރުގެ ނިޔަލަށް ނުނިމިހުރި އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ 1017 މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއީ)އިން ބުނެފިއެވެ.
ޑީޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމުގެ މަސައްކަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށާނެ ކަމަށެވެ.
އެ އޮފީހުން ބުނީ ހަތަރު މަސް ދުވަހުގެ ތެރޭގައި މި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގައި އާއްމުގޮތެއްގައި މައްސަލަ ތާވަލް ކުރާ ވަގުތުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކުވެސް މެންދުރު 14:00 އިން ހަވީރު 17:00 އާ ހަމައަށް މައްސަލަތައް ތާވަލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި ވަގުތު އެންމެ ދުވަސްވީ މައްސަލަތަކުގެ ގޮތުގައި ހުރީ 2015 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޑީޖޭއޭ އިން ބުނީ މައްސަލަތައް ތާވަލް ކުރުމުގައި ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތަކަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ޝަރީޢަތްތަކަށް ޙާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މައްސަލަތަކުގެ ތާވަލް އެ ދުވަހުގެ ކުރީ ދުވަހު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އަދި ކްރިމިނަލް ކޯޓުގެ ރަސްމީ ޓްވިޓާ އެކައުންޓުގައި އާއްމުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ،" ޑީޖޭއޭގެ ބަޔާނުގައިވެއެވެ.
ކޮންމެ ދުވަހެއްގެ ވެސް ޝަރީޢަތްތައް ނިމުމުން އެ ދުވަހެއްގައި ކުރިއަށް ގެންދެވުނު ޝަރީޢަތްތަކާ ކުރިއަށް ނުގެންދެވުނު ޝަރީޢަތްތައް ކުރިއަށް ނުގެންދެވުނު ސަބަބާއެކު ކްރިމިނަލް ކޯޓުން އާއްމުކުރަމުން ގެންދާނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.
ޑީޖޭއޭ އިން ބުނީ ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިހުރި މައްސަލަތައް ނިންމުމަށް ކުރާ މަސައްކަތަކީ އެ ކޯޓުގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު ދުރާލާ މަޝްވަރާކުރެވި އިންތިޒާމް ކުރެވިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.