01 Jun 2022, 17:02
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނުވަ މެންބަރުންގެ ސޮޔާއެކު އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އިސްތިއުފާ ދިނުމަށް ގޮވާލާ ގަރާރެއް ނެރެފިއެވެ.
އެމްއެމްސީގެ ރައީސްގެ މަގާމުގައި މިހާރު ހުރި ޝަހުބާން ފަހުމީގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް، މިހާރު ވަނީ ތަހުގީގު ފަށާފައެވެ.
ކައުންސިލްގެ މެންބަރުން މީގެކުރިން އެދިފައިވާ ގޮތަށް ޝަހުބާން އިސްތިއުފާ ދީފައިނުވާތީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލައި ނުވަ މެންބަރުންގެ ސޮޔާއެކު އެ ގަރާރު ނެރުނީ ކަމަށް އޭގައިވެއެވެ.
ގަރާރުގައި ވަނީ ޝަހުބާންގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށް ތަހުގީގު ފެށިފައިވާ ކަމީ މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.
ދިވެހި މީޑިއާގެ އަޚްލާގީ ހަމަތައް ކަނޑައަޅައި އަދި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަށް އެފަދަ ތުހުމަތުތަކެއް ކުރެއްވުމަކި މުއައްސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް މީޑިއާ ކައުންސިލްގެ އަޣުލަބިއްޔަތު މެންބަރުން ގަބޫލުކުރާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
އެމްއެމްސީގެ ރައީސްގެ މަގާމުގައި ހުންނަ މީހެއްގެ ކިބައިގައި މުޖުތަމައު ގަބޫލު ކުރާ އަޚްލާގީ މިންގަނޑުތައް ހުންނަން ޖެހޭ ކަމަށް އެ ކައުންސިލްގެ ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ.
ނަމަވެސް މަގާމުގައި ހުންނަ މީހެއްގެ ކިބައިން އެ ޝަރުތު އުނިވެފައިވާ ހިނދެއްގައި ދެން އަމަލު ކުރާނެ ގޮތް އެމްއެމްސީގެ ގާނޫނުގައި ބަޔާން ކޮށްފައިނުވާތީ އެ ކައުންސިލްގެ މެންބަރުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލުކަމަށް ގެނަސްފައެވެ.
އެ ކޮމިޓީން އެކަމާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެމްއެމްސީގެ މެންބަރުންނާއި ބައްދަލުކޮށްފައިވެއެވެ. ކޮމިޓީގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވިދާޅުވީ އެ މަގާމު ހުސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ކޮމިޓީއަށް ވަކި މީހަކު އިސްތިއުފާ ދޭށެކޭ ނުބުނެވޭނެ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ލަފާ ހޯދުމަށް އެޓާނީ ޖެނެރަލްއާ ބައްދަލު ކުރުމަށް ވެސް އެދިވަޑައިންފައިވެއެވެ.
މީޑިއާ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ގޮތެއް އެ ގާނޫނުގައި ނޯވެއެވެ. ނަމަވެސް ރައީސް މެންބަރުކަމުން ވަކިކުރަން ވޯޓު ނެގިދާނެއެވެ. ގާނޫނު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.
ޝަހުބާން މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވަނީ ނަގާފައެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން އެކަން ފާސްވެފައެއް ނުވެއެވެ.