01 Jun 2022, 13:23
ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ މައްސަލައިގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާނެ ކަމަށެވެ.
އެ މައްސަލަ ލައިވްކޮށްދިނުމަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.
މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުން މަޑުޖެހިފައިއޮތީ, ކްރިމިނަލް ކޯޓުގައި ވަސީލަތް ނެތުމުން ކަމަށް އޭރު ވަނީ ބުނެފައެވެ.
ތަކުރާރުކޮށް ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދުމުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ, ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުމުން ފެށިގެން ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވަނީ, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ހުށެހެޅުންތަކާ މެދު ގޮތެއް ނިންމާފައެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދިފާއުން އަދި ދައުލަތުން ވެސް ހުށަހެޅުންތައް ކޯޓަށް ފޮނުވާފައި ނެތުމުން އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށް ބައްލަވައި ގާޒީ ނިންމެވީ ޝަރީއަތް ފެށުމަށެވެ.