01 Jun 2022, 12:52
މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުން މީހުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮމިޝަނުން އެގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ މިއަދު ކަމަށެވެ. އަދި ޕާޓީގެ ރަޖިސްޓްރާ ވެސް އެފަދަ ކޮންމެ ފޯމަކަށް ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.
ހަބީބް ވިދާޅުވީ ފުރަތަމަ ފަހަރު ނަމަ ރަޖިސްޓްރާ ޖޫރިނަމާ ކުރާނީ 5،000 ރުފިޔާއިން ކަަމަށެވެ. އަދި ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ރަޖިސްޓްރާ ވެސް ޖޫރިމަނާ ކުރަމުންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަނުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ ޕާޓީތައް ޖޫރިމަނާ ކުރަން ނިންމާފައިވާއިރު އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އާއްމުންނަށް ނޭނގި ސިޔާސީ ޕާޓީތަކުގައި މީހުން ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށް ބުނެ ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ވާނުވާ ނޭނގި ޕާޓީތަކުން މީހުން ބަދަލުވާ މައްސަލަތައް އިތުރުވެފައިވާކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއި މައްސަލަތައް އިތުރުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުން މި މައްސަލަ ބަލައިނުގަތުމަށް 17 މެންބަރުން ވޯޓުދެއްވިއެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
ޕާޓީތަކުން ދަފްތަރުވާން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ޕާޓީތަކަށް ދަފްތަރު ވާން ފޯމު ހުށަހަޅާ މީހުންގެ މައުލޫމާތު ހާމަކުރަން ނިންމާފައިވާކަން މިދިޔަ މަހުގެ 22ގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.