01 Jun 2022, 13:11
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން ހުޅުވާލައި އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފިއެވެ.
މި އިނާމަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި ކޮށްފައިވާ އިޚްލާސްތެރި ޚިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. މިއީ މިދިޔަ އަހަރު ތައާރަފް ކުރި އިނާމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
އެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
އިނާމަށް ނަން ހުށަހެޅުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ޝާއިޢު ކުރި އުސޫލުގެ ތެރޭގައި މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މީހަކަށް ވާންޖެހެއެވެ.
މިދިޔަ އަހަރު އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް އެ ލިޔުންތައް ހުށަހެޅުއްވުމަށް ދެވަނަ ފުރުސަތެއް ދެއްވި ނަމަވެސް މިއަހަރު އިތުރު ފުރުސަތެއް ދެއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އިނާމު ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ފަރުވާތެރިކަމާއި ކޮށްފައިވާ މަސައްކަތުގެ އިޚްލާސްތެރިކަމާއި އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އެ ކޮމިޓީން ބަލާނެއެވެ. އަދި އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ޔަގީން ކުރާނެއެވެ.
އިނާމަށް ހުށަހަޅާ މީހުންގެ ނަން މިއަހަރު ހުށަހެޅޭނީ ހަމައެކަނި ރައީސް އޮފީހުގެ ފޯމް ހުށަހަޅާޕޯޓަލްމެދުވެރިކޮށެވެ. އިނާމަށް ހުށަހެޅޭނީ މިއަދުން ފެށިގެން ހަތަރެއް އޮގަސްވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދިނުން އޮންނާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާގައެވެ.