01 Jun 2022, 12:03
މޮސްކޯ (01 ޖޫން 2022): ރަޝިއާއިން ނެދަލޭންޑްސަށް ގޭސް ވިއްކުން އެއްކޮށް ހުއްޓާލައިފިއެވެ.
މިކަން ހާމަކުރަމުން ރަޝިޔާގެ ގައުމީ ގޭސް ކުންފުނި "ގޭޒްޕްރޮމް"އިން ބުނީ ނެދަލޭންޑްސަށް ގޭސް ވިއްކުން ހުއްޓާލީ ރަޝިޔާގެ ފައިސާކަމަށްވާ ރޫބަލް އިން ގޭހުގެ އަގުދައްކަން އެގައުމުން ދެކޮޅު ހެދުމުންނެވެ.
ނެދާލޭންޑްސްއަށް ބޭނުންވާ ގޭހުގެ ގާތްގަނޑަކަށް 35 އިންސައްތަ ފޯރުކޮށްދެނީ ރަޝިއާއިންނެވެ. ރަޝިއާގެ މިފިޔަވަޅާއެކު ނެދާލޭންޑަށް ޖެހޭނީ އެހެން ކޮންމެވެސް ގައުމަކުން ގޭސް އެތެރެކުރާށެވެ. އެންމެ ކައިރިންވެސް ގޭސް ލިބެންއޮތީ ނޯވޭ އިންނެވެ. ނޯވޭ އިންވެސް ގޭސްލިބެންއޮތީ ރަޝިއާއިން ގޭސްލިބޭ ވަރަށްވުރެ ދުރު ސަރަހައްދަކުން ކަމުން ނޯވޭއިން ގޭސް ގަތްނަމަވެސް ރަޝިއާއިން ފޯރުކޮށްދިން އަގުގައި ނެދާލޭންޑްސްއަކަށް ގޭހެއް ނުލިބޭނެއެވެ.
ދެން ގޭސް ގަންނަން ޖެހޭނީ އުތުރު އެފްރިކާއާއި މެދުއިރުމަތީގެ ގައުމުތަކުންނެވެ. އެއީ ވަރަށް ދުރުގައިވާ ގައުމުތައް ކަމަށްވާތީއާއި އެގައުމުތަކާ ނެދަލޭންޑްސްއާ ދެމެދު ގޭސް ހޮޅި އަޅާފައި ނުވާތީ އެގައުމުތަކުން ގޭސް ގެނެވޭނީ ކަނޑުގެ މަގުން ގޭސް ޓޭންކަރު ޝިޕްތައް ބޭނުންކޮށްގެންނެވެ. އެއީ ވަރަށް ޚަރަދު ބޮޑުކަމެކެވެ.
ނެދަލޭންޑްސްގެ ގައުމީ ގޭސް ކުންފުނިކަމަށްވާ "ގޭސްޓެރާ" އިން ބުނީ ކުރިއަށްއޮތް ދޮޅުމަހެއްހާ ދުވަހަށް ބޭނުންވާ ގޭހުގެ ސްޓޮކެއް އެގައުމުގައި ރައްކާކޮށްފައި އެބަހުރި ކަމަށާއި މިމުއްދަތުގައި ގޭސް ގަންނާނެ އިތުރު ފަރާތްތަކެއް ހޯދާނެކަމުގައެވެ.
ނެދަލޭންޑްސްގެ ގޭސްޓެރާއިންވަނީ ރުބެލްއިން އަގުދައްކާގޮތަށް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރަޝިއާއިން ދެ މިލިޔަން ކިޔުބިކް މީޓަރުގެ ގޭސްގަތުމަށް ނިންމާފައެވެ. ނަމަވެސް ގޭސްޓެރާއިން ކުއްލިގޮތަކަށްވަނީ ރުބެލް އިން އަގުދައްކާގޮތަށް ރަޝިއާއިން ގޭސް ގަނެވެންނެތް ކަމަށް ބުނެފައެވެ. މިއާއެކު ރަޝިއާގެ ގައުމީ ގޭސް ކުންފުނި "ގޭޒްޕްރޮމް"އިން ވަނީ ނެދަލޭންޑްސަށް ގޭސް ވިއްކުން ހުއްޓާލުމަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ނެދަލޭންޑުން މިގޮތަށް ނިންމީ ރުބެލްއިން އަގުދައްކާގޮތަށް ރަޝިއާގެ ގޭސްގަތުމުން ރަޝިއާގެ ފައިސާގެ އަގު މައްޗަށްގޮސް ރަޝިއާ ހިސާރުކޮށް އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކެނޑޭގޮތްވަމުންދާތީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުންނެވެ.
ބަލްގޭރިއާއާއި ޕޮލެންޑް އަދި ނެދަލޭންޑްސް ފިޔަވައި ޔޫރަޕްގެ އެހެން ގައުމުތަކުން ރުބެލްއިން އަގުދައްކާގޮތަށް ރަޝިއާގެ ގޭސް ގަންނަމުންދާތީ ރަޝިއާގެ ފައިސާގެ އަގުވަނީ މިހާތަނަށް އަގު ނުދާވަރަށް މައްޗަށް ގޮސްފައެވެ.
މިކަމުގެ ސަބަބުން ރަޝިއާއަށް ދަނީ ބޮޑެތި ފައިދާތަކެއް ލިބެމުންނެވެ. އަދި ސްވިފްޓް ނިޒާމުގެ ބޭރުން އެމެރިކާގެ ޑޮލަރު ބޭނުންނުކޮށް މިމުއާމަލާތްތައް ހިނގާތީ އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މީގެއިތުރުން ކަރަންސީ ސްވެޕް ހަދައިގެން ޗައިނާއާއި އިންޑިއާއާ އަދި އީރާންފަދަ އެތައް ގައުމަކާއެކު ރަޝިއާ ގެންދަނީ ޑޮލަރާނުލައި ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ހިންގަމުންނެވެ.
ރުބެލްގެ ޑިމާންޑް ބޮޑުވެ އޭގެ އަގު އެރުމުން ރަޝިއާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ރަޝިއާގައި އިންފްލޭޝަން މައްޗަށް ދިޔުން ހުއްޓުމާ އިތުރަށް އެތައް ބިލިޔަން ރުބެލް ޗާޕްކޮށް އިގްތިސާދު ފުޅާކުރުމުގެ ފުރުސަތު ރަޝިއާއަށް ލިބުން ހިމެނެއެވެ. ރުބެލް ގަންނަންޖެހެނީ ރަންދީފައި ނޫނީ ރަޝިއާ ބޭނުންވާ ކޮންމެވެސް އެއްޗެއް ރަޝިއާއަށް ވިއްކައިގެން ރަޝިއާއާއެކު ވިޔަފާރިކޮށްގެންނެވެ.
ނަތީޖާއަކީ ރަޝިއާ އެކަހެރިކޮށް އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ކުޑަވެގެން ދިޔުމެވެ.
ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ޔޫރަޕްގެ ހުރިހާ ގައުމަކަށް ވަނީ ކުރަން ފަށާފައެވެ. މީގެތެރޭގައި ތެލުގެ އަގުބޮޑުވުމާއި ދިރުއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ތަކެތީގެ އަގުތައް ބޮޑުވުން ހިމެނެއެވެ. އަދި ބައެއް ތަކެތި ޔޫރަޕްގެ ބާޒާރުތަކުން ހުސްވުންވެސް ހިމެނެއެވެ. މިފިޔަވަޅުތަކުގެ އަސަރު ބޮޑަށްކުރަނީ ރަޝިއާއާ އެކު ވިޔަފާރިކުރުން މުޅިން ހުއްޓާލާފައިވާ އިނގިރޭސިވިލާތްފަދަ ގައުމުތަކަށެވެ. ޔޫރަޕްގައި އުފައްދާ ގިނަ ތަކެތި އެންމެ ގިނައިން ވިއްކާ އެއް ބާޒާރަކީ ރަޝިއާއެވެ.
އެހެންކަމުން ޔޫރަޕްގެ އިއްތިހާދުން ވަކިވެފައިވާ އިނގިރޭސިވިލާތުގެ ހާލަތު ޔޫރަޕްގެ އެހެން ގައުމުތަކަށް ވުރެވެސް ބޮޑެވެ. އިނގިރޭސިވިލާތަކީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އަޅައި ރަޝިއާ ނިކަމެތިކޮށް އިނދަޖައްސާލަން އެންމެ ފޯރިހުންނަ ޔޫރަޕްގެ ގައުމެވެ. މިހާލަތު ދިގުދެމިގެން ގޮސްފިނަމަ އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތައް ބަނޑަށް ޖެހިދާނެކަމުގެ އިންޒާރުވެސް އެގައުމުގެ އިގްތިސާދީ ބައެއް ތަޖުރިބާކާރުންވަނީ ދެއްވާފައެވެ.