01 Jun 2022, 13:28
ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް މީހުންނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)އިން ބުނެފިއެވެ.
މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން ޑީއެސްއެމްގެ ޗެއާޕާސަން އައިޝަތު ޝިރުހާނާ ވިދާޅުވީ މުޅި ރާއްޖޭގައި ސްކްރީނިން ހެދިއިރު، ހަކުރު ބަލީގެ އިތުރުން އެ ބައްޔަށް މަގުފަހިވާ އަދި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.
ޝިރުހާނާ ވިދާޅުވީ ރާއްޖޭގައި އެންމެ ފަހުން ހެދި ސްކްރީނިންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސްކްރީންކުރި މީހުންގެ ތެރެއިން 65 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ.
"އޭގެ މާނައަކީ ބަލިން ރައްކާތެރިވުމަށް ޓަކައި މަސައްކަތްތަކެއް ނުކޮށްފިނަމަ މި ބަލީގެ މީހުންގެ އަދަދު ވަރަށް ގިނަވެގެން އަންނާނެ،" ޝިރުހާނާ ވިދާޅުވިއެވެ.
ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި މި އަހަރުވެސް ސްކްރީނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަން ފާހަގަ ކުރައްވައި ޝިރުހާނާ ވިދާޅުވީ އޭގެ އިތުރުން އޮފީސްތަކުގެ ރިކުރިއޭޝަން ކްލަބްތަކާ ގުޅިގެން މިދިޔަ ހަފްތާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނާއި ފުލުހުންނަށް ވެސް ސްކްރީން ޕްރޮގްރާމް ހިންގާފައިވާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ސްކްރީނިން ޕްރޮގްރާމްތައް ހިންގުމަށްފަހު، އެ މުވައްސަސާއެއްގެ މީހުންގެ ތަފާސްހިސާބު ހުރީ ކިހިނެއްކަން ހިއްސާކޮށް، ރަނގަޅު ކުރާންޖެހޭ ކަންތައްތަކުގެ އިރުޝާދު ދިނުމާ އަދި އެކަމަށް މަސައްކަތް ކުރާން ބާރު އަޅަމުން އަންނަ ކަމަށެވެ.
ޑީއެސްއެމްގެ މެޑިކަލް އޮފިސަރު، ޑރ. އައިމިނަތު މަލްހާ ސައީދު ވިދާޅުވީ ހަކުރުބަލީގެ ޓައިޕް ޓޫ އަކީ ބޮޑެތި މީހުންނަށްޖެހޭ ބައްޔެއް ވިޔަސް މިހާރަކަށް އައިސް ޅަ ކުދީންނަށް ވެސް މި ވައްތަރުގެ ހަކުރުބަލި ޖެހޭ ވަރު ގިނަ ވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
މަލްހާ ވިދާޅުވީ އާއްމު ގޮތެއްގައި ހަކުރުބަލީގެ ޓައިޕް ޓޫ ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން 30 އަހަރަށްވުރެ، މަތީގެ މީހުންނަށް ކަމަށެވެ.
"ޅަ އުމުގެ މީހުންނަށް ނުވަތަ ކުދީންނަށް ޓައިޕް ޓޫ ހަކުރުބަލި ޖެހޭ ކަމަށް ބޮޑަށް މި ފާހަގަ ކުރެވެނީ އިސްކޮޅާ ގުޅުވައިގެން ބަރުދަން ހުންނާންޖެހޭ ވަރަށްވުރެ ބަރު މީހުން. ހަމަ އެއާއެކު ގަވާއިދުން ކަސްނުކުރެވޭ އަދި ކެއުމުގެ އާދަކާދަތައް ވެސް އެހާ ރަނގަޅު ނޫން މީހުން ކަމަށް ނޫނީ ކުދިން ކަމަށް ފާހަގަ ކުރެވެނީ،" މަލްހާ ވިދާޅުވިއެވެ.
މި ބަލީގެ ތެރެއިން ބޮޑެތި މީހުންނަށް ޖެހޭ، ޓައިޕް ޓޫގެ ހަކުރު ބަލީގައި ގުޅަ ބޭސް ބޭނުން ކޮށްގެން ހަކުރު ކޮންޓްރޯލް ވެފައި އެބަހުއްޓެވެ. ނަމަވެސް ޓައިޕް ވަންގެ ހަކުރު ބައްޔަށް ހަމައެެކަނި ދެވޭ ފަރުވާއަކީ އިންސިއުލިން ކަމަށްވާއިރު، މި ބަލި ކުޑަކުދީންނަށް ޖެހޭ މައިގަނޑު ސަބަބުން އަދި ވެސް ހޯދިފައެއް ނުވެއެވެ.
"މި ވާގޮތަކީ އެ ކުދީންގެ ހަށިގަނޑުން އިންސިއުލިން އުފެއްދުން ހުއްޓާލަނީ. ހުއްޓާލީމަ އެކުދިންގެ ހަށިގަނޑުން ހަކުރު ބަލީގެ އަލާމާތްތައް މި ފެންނަނީ. އެގޮތުން ކުށްލިއަކަށް ބަރުދަން ލުއިވުން، ނުވަތަ މާ ގިނައިން ފެންބޮވާ ގިނަގިނައިން ކުޑަކަމު ދާން ޖެހުން،" މަލްހާ ވިދާޅުވިއެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި މިވަގުތު 2،000 މީހުން ތިބިއިރު އޭގެ ތެރެއިން 175 ކުދީންނަކީ ޓައިޕް ވަންގެ ހަކުރުބަލި ތަހައްމަލު ކުރަމުން އަންނަ ކުދީންނެވެ.
"މީގެ ތެރެއިން ތިންބައި ކޮށްފައި އެއްބަޔަކީ މާލެ ސަރަހައްދުގައި އުޅޭ މީހުން. ދެން ތިންބައި ކޮށްފައި ދެބައި ކުދިން މި އުޅެނީ އަތޮޅުތެރޭގައި،" މަލްހާ ވިދާޅުވިއެވެ.
އިތުރަށް މަލްހާ ވިދާޅުވީ ހަކުރުބަލި ޖެހުމުގެ ކުރީން މި ބަލިން ރައްކާތެރިވުމަށް ޓަކައި ކޮންމެ މީހަކުމެ، މަސައްކަތް ކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.