31 May 2022, 21:55
ކޮވިޑު މެނޭޖްކުރުމުގައި އެޅި ވިސްނުންތެރި ފިޔަވަޅުތައް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، (ޑަބްލިޔުއެޗްއޯ)އިން ރާއްޖެއަށް ތައުރީފް ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައި ޑްބަލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. ނާޒްނީން އަންވަރު، ވަނީ ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި އެޅި ވިސްނުންތެރި ފިޔަވަޅުތަކާއި، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓް ކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކަށްވުރެ ކުރިން ކޮވިޑް ކޮންޓްރޯލްކުރެވުނު ކަން ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ.

ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓެޓިވް ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ މި ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ތަޖުރިބާކާރު ސައިކޭޓްރިސްޓުން މަދުކަން ހާމަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އިސްނަގައިގެން މެންޓަލް ހެލްތް އެކްޝަން ޕްރޮގްރާމްގެ ތެރެއިން މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް އެކަމަނާ ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ސްކޫލް ކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ތިބި ނާޒުކުގިންތިތަކުގެ މީހުންނަށް އަދި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި އެ ޖަމުޢިއްޔާއިން ދެމުން އަންނަ ސަމާލުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނަފްސާނީ އެހީތެރިކަންދިނުމުގެ ދާއިރާއަކީ މިހާރު ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައިސް ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަން ހާމަކުރައްވާފައެވެ. އަދި، ޑރ. ނާޒްނީން އަންވަރު ވަނީ ރާއްޖޭގައި ފަސޭހައިން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.