ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ވެރިޔާގެ މަގާމަށް މާލެ ސިޓީ ޕޮލިސްގެ ވެރިޔަކަށް ކުރިން ހުންނެވި އަޙްމަދު ޝިފާން މިއަދު އައްޔަންކޮށްފިއެވެ.

އެމަގާމަށް ޝިފާން އައްޔަންކޮށްފައި ވަނީ ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުން ބައެއް މަގާމުތަކަށް ގެނައި ބަދަލުގެތެރެއިންނެވެ.

އެގޮތުން މާލޭ ސިޓީ ޕޮލިސްގެ ވެރިއަކަށް މިހާރު ހަމަޖައްސާފައިވަނީ ކުރީގެ ސްޕެޝަލިސްޓް ޓެކްޓިކަލްގެ ވެރިޔާގެ މަގާމުގައި ހުންނެވި ޙުސައިން ސަމީރެވެ.

އަދި ސެންޓާ ފޯ އެޕްލައިޑް ޕޮލިސިންގެ ވަރިއަކަށް އައްޔަންކުރައްވާފައި ވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ޞަބާހެވެ. ޞަބާހު ކުރިން ހުންނެވީ ހައި ވިޒިބިލިޓީ ޕޮލިސިން ޔުނިޓުގެ ވެރިޔާގެ މަގާމުގައެވެ.

ޕޮލިސް ކޮލެޖްގެ ވެރިއަކަށް އައްޔަން ކުރި ޝިފާނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފުލުހުންގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ޝިފާން ހުންނެވީ އެ މަގާމުގައެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖިނާއީ ތަހުގީގު ތަކާ ބެހޭ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވީ ވެސް ޝިފާނެވެ.