31 May 2022, 19:20
ވޯކް-އިން އިންޓަވިއު އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ވަނީ ވޯކް-އިން އިންޓަވިއު ބާއްވަން ހަމަޖެހިފައި ވަނީ ހަވީރު 16:00 އިން ރޭގަނޑު 19:00 އަށް ހެންވޭރު ޓާމިނަލު ގައި ކަމަށެވެ. އަދި 10،300 އާއި 13،700 ރުފިޔާ އާއި ދެމެދުގެ މުސާރަ އަކަށް ޖުމުލަ 67 މުވައްޒަފުން ނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މުސާރައިގެ އިތުރުން އެމްޓީސީސީން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުން އަދި ސްޓާފް މެޑިކަލް އިންޝުއަރެންސް އާއި ޕެންޝަން ސްކީމް ލިބޭނެއެވެ.
ވަޒީފާ އަދާ ކުރަންޖެހޭނީ އެމްޓީސީސީން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި ހަފްތާއަކު ހަ ދުވަހުއެވެ. އެއީ ދުވާލަކު 8-12 ގަޑިއިރުއެވެ.
ވަޒީފާއަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި، އަސާސީ ތައުލީމު ހާސިލު ކޮށްފައިވުމާއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނަވަތަ އެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުން ހިމެނެއެވެ. އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވޭނެ މީހަކަށް ވުމާ އެކު ގިނަ ވަގުތު މަސައްކަތް ކުރެވޭނެ މީހެއް ކަމުގައި ވާންޖެހެއެވެ.
މީގެ ކުރިން ވެސް އެމްޓީސީސީން ވަނީ ބޮޑު މުސާރައާ އެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ.