އަދާލަތު ޕާޓީން ދޮގު ކުރިނަމަވެސް އޭނާގެ މަަންމަ އާއި ބައްޕަ އެ ޕާޓީއަށް ވައްދާފައިވަނީ އޮޅުވާލައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙަމަދު ޢަބްދުﷲ ޝަފީޤު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން ޓެގް ކުރައްވައި މިއަދު ޝަފީގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ މަންމަ އާއި ބައްޕައަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށެވެ.

"ދިހަ ހާސް މެންބަރުން ހަމަކުރުމަށްޓަކައި ވެސް މިފަދަ ހުތުރު އަމަލުތައް ނުހިންގުމަށް ގޮވާލަން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަދާލަތު ޕާޓީން މިކަން ދޮގުކުރެއެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަޙްމަދު ޝިޔާޒު "ސަން"އަށް ވިދާޅުވީ އެފަދަ ކަމެއް އަދާލަތު ޕާޓީގެ ތެރެއިން ނުވާނެކަމަށެވެ.

"އެފަދަ ކަމެއް މި ޕާޓީގެ ތެރޭގަ ނުހިނގާނެ. ޝަފީގު އެހައްދަވަނީ ދޮގު. ވީވަރަކުން ބަލަން ފޯމުތަކުގެ ސައްޙަކަން ޔަގީން ކުރެވޭތޯ،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝަޕީގު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ މަންމަ އާއި ބައްޕަ އަދާލަތު ޕާޓީގައި ރަޖިސްޓްރީ ވާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. މިކަމަކީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީން ގުޅިގެން ކުރި ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އިތުރު ގޮތަކަށް އެކަމެއް ނުކުރެވޭނެ. އައިޑީކާޑާ އެއްޗެހި ލިބިގެން ދެއްތޯ އެހެން ވާނީ. އެކަން ވާނެ ހަމަ އެކަނި ގޮތަކީ ހައްޖު ކޯޕަރޭޝަނުން މަންމަ އާއި ބައްޕަގެ އައިޑީ ކާޑުގެ ކޮޕީ އަދާލަތަށް ދިނުން،" މެންބަރު ޝަފީޤު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކާ ގުޅުމުން ދިނީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށް ޝިފީޤު ވިދާޅުވިއެވެ. އެ ކޮމިޝަނަށް ނޭނގި މިވަރުގެ ކަމެއް ނުހިނގާނެ ކަމަށާއި މިފަދަ މައްސަލަތައް ބެލޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފިންގާޕްރިންޓު އެއްޗިސް ޖަހައިގެން ދެއްތޯ ޕާޓީއެއްގަ ރަޖިސްޓްރީ ކުރެވޭނީ. އެހެންވީމަ އެ ވެރިފައި ކުރަން ގޮތެއްވެސް އޮންނަން ވާނެ،" ޝަފީޤު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް މީހަކަށް އަމިއްލަ އަށް ގޮސްގެން ޕާޓީ އަކަށް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. ރަޖިސްޓްރީ ވާން ބޭނުންވާ ޕާޓީގެ ކޮންމެވެސް މީހެއްގެ އެހީ އެކަމުގައި ބޭނުން ވާނެ ކަމަށް ވެސް ޝަފީޤު ވިދާޅުވިއެވެ.

ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން އެ މީހުންނަށް ނޭނގި އަދާލަތު ޕާޓީ އަށާއި އެމްއެންޕީއަށް ވައްދާފައިވާ މައްސަލަތަކެއް އެ ޕާޓީން ވަނީ ފެންމަތިކޮށްފައެވެ. އޭގެތެރޭގައި އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ބައެއް ކައުންސިލްތަކުގެ ރައީސުން ވެސް ހިމެނެއެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ވަނުމަށް އެ ކޮމިޝަނަށް ލިބޭ ފޯމުގައިވާ މީހާގެ ނަމާއި އައިޑީކާޑް ނަންބަރުގެ ބައެއް ނަންބަރުތައް ވެބްސައިޓް މެދުވެރިކޮށް ހާމަކުރަން ވަނީ ފަށާފައެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ކޮންމެ ވަގު ފޯމަކަށް އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ އުސޫލެއް ހެދުމަށް އެ ކޮމިޝަނުން ވަނީ މަޝްވަރާކޮށްފައެވެ.