ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނަށް އިޖާބަދީ ފަނޑިޔާރުކަމަށް ކުރަމަތިލީ ފަރާތްތައް އަލުން ޝޯޓް ލިސްޓް ކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ މީހުން ޖޭއެސްސީން ޝޯޓުލިސްޓްކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފުގަވާއިދެއްގެ ދަށުން ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ހަތް ގާނޫނީ ވަކީލަކާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާ ގެ އިސް ދެ މެންބަރުން އެކުލެވިގެންވާ ގޮތަށެވެ.

އެ ދައުވާގައި އެދިފައި ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން ކިޔަވާ ކުދިންނަކީ އިސްލާމީ ޝަރީއަތް ކިޔަވައިގެން ތިބި ކުދިން ކަމަށް ގަބޫލުނުކޮށް އިސްލާމީ ޝަރީއާގެ ބައިން އެމީހުންނަށް މާކްސް ނުދީ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ޖޭއެސްސީން ކުރިއަށް ގެންދާތީ ފަނޑިޔާރުން އައްޔަން ކުރުމަށް ކުރިއަށް ގެންދާ މަސައްކަތާއި ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާ ގަވާއިދު ބާތިލް ކޮށްދިނުމަށެވެ.

މީގެއިތުރުން ކުއްލިއްޔާއިން ކިޔާވާ ކުދިންނަށް އިތުރު ފަސް މާކްސް ދޭކަމަށާއި ނަމަވެސް މެލޭޝިޔާއިން ކިޔަވާކުދިންނަށް ޝަރީއާ ނުކިޔާވާ ކަމަށް ނިންމާފަ ފަސް މާކްސް ނުދޭ ކަމަށް ވެސް ދައުވާގައި ވެއެވެ.

މެލޭޝިޔާގެ "އިބްރާހިމް" ކޮލެޖުން ދޭ ސެޓްފިކެޓްގައި އިސްލާމީ ޝަރީއާ އެންޑް ލޯ ގެ ސެޓްފިކެޓެއްކަމަށް ޖަހާފައި ނޯވެއެވެ. އެ ސެޓްފިކެޓްގެ ޓައިޓަލްއަކަށް ޖަހާފައި އޮންނަނީ ހަމައެކަނި ލޯ އެކަނި އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ މެލޭޝިޔާގެ "އިބްރާހިމް" ކޮލެޖުން ދޭ ސެޓްފިކެޓްގައި ޓައިޓަލްއަކަށް ހަމައެކަނި ލޯ ޖަހާފައި އޮތްކަމަށް ވިޔަސް އެ ސެޓްފިކެޓްގެ ޓްރާންސް ކްރިޕްޓަކަށް ބެލުމެއް ނެތި މާކްސްދިނުމަކީ ރަނގަޅުކަމަކަށް ނުވާތީ ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ޝޯޓްލިސްޓް ކުރި ކުރުން ބާތިލް ކުރުމަށްފަހު އެ ޕްރޮސެސް އަލުން ކުރިއަށް ގެންދިޔުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ސުޕީރިއާ ކޯޓުތަކަށް ހޯދުމަށް ޖޭއެސްސީން އިއުލާން ކުރީ ޖުމްލަ ހަތް ފަނޑިޔާރުން ނެވެ. އެއީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ނާއި ފެމިލީ ކޯޓަށް ތިން ފަނޑިޔާރުން ނެވެ.